ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިިވިއަންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން "ދިވެހިރާއްޖެ" ޖަހަން ނިންމައި، އެކަން ފަށައިފި އެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ލިވެރީއަށް ގެންނަ ބަދަލާއެކު ބޯޓުތަކުގެ ބޭރުގައި ގައުމީ ދިދައާއެކު "ދިވެހިރާއްޖެ" ތާނަ އަކުރުން ލިޔާނެ އެވެ.
އެ ބަދަލު މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330 އަށް މިހާރު ވަނީ ގެނެސްފަ އެވެ.
އެ ބޯޓުވީ މިދިޔަ ހޮނިހިރު ދުވަހު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދިން ފުރަތަމަ ބޯޓަށް ވެސް މެ އެވެ.
މި ބަދަލަކީ ދިވެހިބަހާއި ތަރިކައަށް އަދި ގައުމީ ފަހުރު ރަމްޒުކޮށްދޭ ބަދަލެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ މި ބަދަލު އެ އެއާލައިންގެ ހުރިހާ ބޯޓަކުން ވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.
މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި ގައުމީ އެއާލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށާއި މިނިވަން ކަމަށް 60 އަހަރުވީއިރު، މި ބަދަލުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު އަދި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވާތީ، މި ބަދަލަކީ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.