މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން ހައްޔަރުކުރި މީހަކު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އެ ރަށު ފިނިފަޒާ، އިބްރާހީމް އަބްދުލްރައްޒާގު، 38، އެވެ.

ފުލުހުން ބުނީ އެ ދުވަހުގެ ރޭ ދުވާފަރު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދުވާފަރު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.