އދ. އޮމަދޫގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ގޭގެ ތަކެއްޗަށް ގެއްލުންދީ، ކޮޓަރިއެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު އަޑު ގަދަކޮށް، ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ތަކެއްޗަށް ގެއްލުންދީ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލާފައިވާ މައްސަލައެއް ރޭ 21:27 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އދ. އޮމަދޫ، ސްޓެލާ، އަހުމަދު ނާފިއު (32އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ނަމަވެސް ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަަންނަ ކަމަށެވެ.