ޝަރުއީ ދާއިރާއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާން ދައުލަތުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި، މުއުތަސިމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން މުއުތަސިމް ރިޓަޔާކުރެއްވީ މިމަހުގެ 21ވަނަ ދުވަހު އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމު އައްޔަންކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
މިޖަލްސާގައި މުއްތަސިމުގެ އިތުރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށްވެސް މިއަދު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވަނީ އަރުވައިފަ އެވެ.
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިންނާއި ގާނޫނު ނަންބަރު 1/97 ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުންނެވެ. ދިވެހި ދައުލަތުން މީހުންނަށް އެހެނިހެން އިއްޒަތާއި މެޑެއްޔާއި ލަގަބާއި ކުލަ ކަނޑައެޅުމައީ އިއްޒަތާއި މެޑެއްޔާއި ލަގަބާއި ކުލަ ދިނުން ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މި އިއްޒަތް އަރުވާފައިވަނީ ބެރި ދުންމާރި ތާޅަފިލީގެ އަޑާއެކުގައެވެ