"ވޯ 2" ޓްރެއިލާ އާންމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 24 ދުވަސް ކުރިން - 27 ޖުލައި 2025 11:55
"ވޯ 2"ގެ ޕޯސްޓަރު
"ވޯ 2"ގެ ޕޯސްޓަރު
ޚުލާސާ

"ވޯ 2" އިންޑިއާގެ ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް އަންނަ މަހު 14 ގައި.

ބޮލީވުޑްގެ އެކްޝަން ތަރި ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު ތަރި އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ، ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމު "ވޯ 2" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ. މި ފިލްމު ގެނެސްދޭ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އާންމުކުރި މި ޓްރެއިލާ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ތެރޭގައި ހިމެނޭ "ވޯ 2" އަކީ 2019 ވަނަ އަހަރު ނުކުތް "ވޯ" ފިލްމުގެ ސީކުއެލްއެކެވެ. އިއްޔެ އާންމުކުރި ދެ މިނެޓާއި 35 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ އެކްޝަން މަންޒަރުތަކެއް ހިމަނައިފަ އެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމަކީ ވެސް ހިތްގައިމު އެކްޝަންތަކުން ފުރިފައިވާ ފިލްމެއްކަން ޓްރެއިލާ އިން ދައްކުވައިދެ އެވެ.

މި ފިލްމުގައި ލީޑު އަންހެން ރޯލު ކުޅެނީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކިއާރާ އަދުވާނީ އެވެ. ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2022 ވަނަ އަހަރު ނުކުތް ބްލޮކްބަސްޓާ "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.

"ވޯ 2" އިންޑިއާގެ ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް އަންނަ މަހު 14 ގަ އެވެ.

ރިތިކް ރޯޝަންގެ ފަރާތުން މި އަހަރު އިތުރު ފިލްމެއް ބެލުންތެރިންނަށް ފެންނާނެ އެވެ. އެއީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ، ހަމަ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއް ކަމަށްވާ "އަލްފާ" އެވެ. އެ ފިލްމުގައި ރިތިކްއާ އެކު ލީޑު ރޯލު ކުޅެނީ ބޮލީވުޑްގެ ތަރި އާލިއާ ބަޓެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%