ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ފުރާވަޑައިގެންފިއެވެ.
މި މަހު 25 ވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ މިނިވަން 60 އާއި ގުޅިގެން ބާއްވާ ރަސްމިއަޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި މޯދީގެ ދަތުރުގެ ތެރެއިން އިއްޔެ ސޮއިކުރިއެވެ.
އަދި މި ދަތުރުފުޅުގައިި ބޮޑު ވަޒީރު މޯދީ މިއަދު ވަނީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި، އެމްޑީޕީ ހިމެނޭހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މޯދީ ވަނީ ބައްދަލުކުރައްވާފައެވެ.
މޯދީ ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެއަށް ކުރެއްވި މި ކާމިޔާބު ދަތުރުފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ މުއިއްޒަށާއި، ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތައް ފާހަގަކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރައީސް މުއިއްޒުއާއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމަށް މޯދީ ވިދާޅުވިއެވެ.