އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ދީފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާއާއެކު ރާއްޖެއިން އެކި ދާއިރާތަކުން މުހިންމު އަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފްރީ ޓްރޭޑް އެގްރީމަންޓްގެ ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުންވެސް ހިމެނޭހެން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
މި އާ ކްރެޑިޓް ލައިން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތުގައި މި ކްރެޑިޓް ލައިން އިން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގާނެ އެވެ. އޭގެ ތެރޭގައި ޑިފެންސާއި ކުޅިވަރުގެ ދާއިރާ އާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތައް ހިމެނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ކްރެޑިޓް ލައިންގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއް ދޭނީ އާންމުންނަށް އޭގެ ފައިދާ އެންމެ ބޮޑު މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އެގޮތުން މި ކްރެޑިޓް ލައިންގެ ދަށުން މިއަދު ވަނީ އައްޑޫގައި މަގު ހެދުމުގެ މަޝްރޫއުއެއްގައި ވެސް ސޮއިކޮށްފަ އެވެ.