މުސާރަ ބަދަލުކުރާ ކަމުގެ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 20 ޖުލައި 2025 18:57
އެމްއޭސީއެލްގެ އާ ޓާމިނަލް މި މަހު 6 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވުން/ ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ އާ ޓާމިނަލް މި މަހު 6 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވުން/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނެސްފި ކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ، ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަ، އެ ކުންފުނިން ރަސްމީކޮށް ދޮގުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ، މި ވާހަކަތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުން ރެއާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި، އެ ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށް ޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ހާމަކޮށްފަ އެވެ.

އެމްއޭސީއެލްއިން ބަޔާންކޮށްފައިވާ ގޮތުގައި، އެފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި އެ ކުންފުނިން ކޮށްފައި ނުވެއެވެ. އަދި މިފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް މިވަގުތު ނުގެންގުޅޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ހަމައެއާއެކު، ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، އެ ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްއިން ވަނީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރުކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށް އިލްތިމާސްކޮށްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%