މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއާއި ހުޅުމާލެއަށް ވައިގަދަވެ އެކިވަރުގެ ގެއްލުން ވެއްޖެ އެވެ.
ޜޭ ފަތިހުން ފެށިގެން ހުޅުމާލެއަށް އައި ވިލާގަނޑުގައި ގާތްގަނޑަކަށް 52 މޭލަށް ވައިގަދަވި އެވެ. އަދި ގަދަ ވަޔާއެކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަސްތައް ވެއްޓި މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށާއި ޖަހާފައިހުރި ފެންސުތަކަށް ވަނީ އެކިވަރުގެ ގެެއްލުންތައް ވެފައެވެ.
މި ކޮޅިގަނޑުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބަސް ސްޓޭންޑެއްވެސް ވަނީ ވަޔާ އެއްލާލާފަ އެވެ.
ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައިވެސް ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.









