މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އެކި ހިސާބުތަކަށް އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ހެދުނު 9:30 އިން މެންދުރު 13:30 އާ ހަމަޔަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމަޔަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެއެވެ. މިސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވާއިރު މެޓުން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ދ. އިން ފެށިގެން އައްޑޫ އަތޮޅަށް މިއަދު ހަވީރު 17:00 ހަމަޔަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓުގެ ދެމެދުގައި ހުރިއިރު، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުރުން އެކަށީގެން ވާކަމަށް ވެސް މެޓުން ބުންޏެވެ.
އޭގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.









