72 ކިލޯ ޑްރަގް މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

މުހައްމަދު ޖަމްޝަތު | 95 ދުވަސް ކުރިން - 17 ޖުލައި 2025 15:48
ދިވެހިރާއްޖޭގެ ހައިކޯޓު---
ދިވެހިރާއްޖޭގެ ހައިކޯޓު---
ޚުލާސާ

ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމް ކުރީ އެ ތިން މީހުންގެ މައްޗަށް ކުށްސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ނެތްކަމަށް

2020 ވަނަ އަހަރު ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ފުލުހުން ތުހުމަތުކުރާގޮތުގައި "މަސްޖަރީ-2" ނަމަކަށް ކިޔާ ކަންނެލި ދޯންޏެގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި އެންމެ އިސްކޮށް ހުރީ އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެ އެވެ. ދައުލަތުން އޭނާގެ މައްޗަށް ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވާއިރު މި މައްސަލާގައި ދެން ދައުވާކުރީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން މި މައްސަލަ ބެއްލެވުމަށްފަހު މިދިޔަ ޖެނުއަރީ މަހު ހުކުމް ކުރީ އެ ތިން މީހުންގެ މައްޗަށް ކުށްސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށެވެ.

މި މައްސަލާގައި ހިމެނޭ އަކްރަމް އަކީ މަސްތުވާތަކެތި ފެނުނު ކާރުގެ ވެރިފަރާތެވެ. އަދި އަހުމަދު ނަސީރަކީ މަސްތުވާތަކެތި ދޯނިން ބާލައިގެން މާލެއަށް ގެނައި ލޯންޗު ދުއްވި މީހާ އެވެ. އިރުފާނު މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާގެ ތުހުމަތެވެ.

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ރިޕޯޓު ދިނުން ލަސްވުމުން އެ ހުކުން އިސްތިއުނާފުކުރަމަށް ލިބޭ މުއްދަތު އޮތީ އިތުރުކޮށްދީފަ އެވެ. ޕީޖީ އޮފީހުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ އިއްޔެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%