ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި މި ހިތާމަވެރި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލުގައި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ އަލްސަން ތިބެގެން، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި، އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ. ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ ނިޔާވި އަލްސަން ކަމަށެވެ.
މި އެކްސިޑެންޓުގައި 17 އަހަރުގެ އަލްސަން ނިޔާވިއިރު، އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. ސައިކަލުގައި އަލްސަންއާއެކު ތިބި 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދެމީހުންނަށްވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އެނގޭ ގޮތުގައި އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މީގެ އިތުރުން، އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް، އާއިލާއަށް ތައުޒިޔާކިޔަމުންނެވެ.