ދަރިފުޅުގެ ކުއްލި ވަކިވުމުގެ 9 ގަޑިއިރުކުރިން އަޝްފާ ހިއްސާކުރީ މާނަފުން ރީލްއެއް!

އައިޝަތު ރުވާ ރިފްޢަތު | 12 ގަޑިއިރު ކުރިން - 13 ޖުލައި 2025 00:20
ދަރިފުޅުގެ ކުއްލި ވަކިވުމުގެ 9 ގަޑިއިރުކުރިން އަޝްފާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ރީލް
ދަރިފުޅުގެ ކުއްލި ވަކިވުމުގެ 9 ގަޑިއިރުކުރިން އަޝްފާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ރީލް
ޚުލާސާ

މަރު އައިސް ޖެހުމުން އެކަމަށް ދައްކާނެ އެއްވެސް ބަހަނާއެއް، އިތުރަށް ކުރާނެ މަޝްވަރާއެއް ނުވަތަ އެކަން ލަސްކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް އެ ރީލްއިން ބުނެދިން.

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އޭނާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ކުއްލި ގޮތަކަށް މި ދުނިޔެއާ އަލްވަދާއު ކިޔުމުގެ ކުރިން، އަޝްފާގެ އިންސްޓަގްރާމް ސްޓޯރީގައި ނުވަ ގަޑިއިރު ކުރިން ހިއްސާކުރި ރީލްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މި ރީލްގައި ހުރި މެސެޖުތަކަކީ މި ހާދިސާއާ ގުޅިގެން އިތުރަށް މާނަފުންވެ، ގިނަ ބައެއްގެ ހިތްތަކަށް އަސަރުކޮށްގެންދިޔަ މެސެޖުތަކެކެވެ.

އަޝްފާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި މި ރީލްގައި ވަރަށް ބޮޑަށް ބާރު އަޅާފައިވަނީ މަރުގެ ހަގީގަތާއި މެދުގައިއެވެ. އެ ރީލްގައި ބުނެފައިވަނީ މަރު އައިސް ޖެހުމުން އެކަމަށް ދައްކާނެ އެއްވެސް ބަހަނާއެއް، އިތުރަށް ކުރާނެ މަޝްވަރާއެއް ނުވަތަ އެކަން ލަސްކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެގޮތުން، މަރު އައިސް ޖެހުމުން އެކަމާއި ކުރިމަތިލާން ޖެހޭނެކަމާއި، އެއްވެސް ބަދަލެއް ނުވަތަ ލަހެއް ނެތި ފުރާނަ ގެންދެވޭނެ ކަމަށް އެ ރީލްގައި ވަނީ ފެނިގެންގޮސްފަ އެވެ.

އަދި އެ ވަގުތު އަތުގައި ހުރި ފައިސާގެ މުހިންމުކަމެއް ނޯންނާނެކަމަށާއި، ތިމާގެ ހައިސިއްޔަތެއް ނުވަތަ މަގާމެއް ބަލައިގަނެވޭނެ އެއްޗެއް ނޫންކަމަށްވެސް އެ ރީލްގައި ވަނީ ބުނެފައެވެ. މީސްމީޑިއާގައި ކިތަންމެ ގިނަ ފޮލޯވަރުން ތިބި ނަމަވެސް، އެ ވަގުތު އެ ފޮލޯވަރުންނަށް ވެވޭނެ އެހީއެއް ނޯންނާނެކަމަށްވެސް ރީލްގައި ހިމެނެ އެވެ. މީގެ އިތުރުން، އެ ރީލްގެ އެންމެ މާނަފުން އަނެއް އެއް ބަޔަކީ، ތިމާ މަރުވުމާއެކުވެސް ދުނިޔެ ހިނގާނެކަމާއި، ތިމާ ނެތިވެސް ދުނިޔޭގެ ކަންކަން ކުރިއަށްދާނެކަން ހަނދާންކޮށްދީފައިވެ އެވެ.

މި ރީލް ހިއްސާކުރިތާ ނުވަ ގަޑިއިރު ފަހުން، މިފަދަ ހިތާމަވެރި ހާދިސާއެއް މާލޭގައި ހިނގައި، އަޝްފާގެ ދިރިއުޅުމަށް ދިމާވުމުން، މި މެސެޖުތައް ވަނީ އިތުރަށް ހިތަށް އަސަރުކޮށްފަ އެވެ. ގިނަ ބަޔަކު މި ރީލް ފާހަގަކޮށްފައިވަނީ މަރުގެ ހަގީގަތާ މެދު ވިސްނާލުމަށް ބާރުއަޅާ، ވަރަށް މާނަފުން މެސެޖުތަކެއް ހިމެނޭ ރީލެއްގެ ގޮތުގަ އެވެ.

މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ކުއްލި ގޮތަކަށް ނިޔާވީ މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. މި އެކްސިޑެންޓުގައި އަލްސަންގެ އިތުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވި އިރު، އެ ދެމީހުންގެވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

މާތްﷲ އަލްސަންގެ ކުށް ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާންދޭ އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%