ވެލާނާ އެއާޕޯޓުގެ މަގުތައް ހެދުމަށް ވަގުތީގޮތުން ޓްރެފިކަށް ބަދަލުގެނެސްފި

އައިޝަތު ރުވާ ރިފްޢަތު | 8 ގަޑިއިރު ކުރިން - 13 ޖުލައި 2025 12:53
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު/ ފޮޓޯ: ޙުލާސާ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު/ ފޮޓޯ: ޙުލާސާ
ޚުލާސާ

މި ޓްރެފިކް ބަދަލުތައް ގެންނަން ނިންމާފައިވަނީ މިރޭ 11:00 އިން ފެށިގެން، ޖުލައި 21 ވަނަ ދުވަހުގެ މެންދަމާ ހަމައަށް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަގުތަކާއި ޑްރެއިނޭޖް ސިސްޓަމްގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެސަރަހައްދުގެ ޓްރެފިކަށް ވަގުތީގޮތުން ބަދަލު ގެނެސްފިއެވެ.

މި ބަދަލުތަކުގެ ސަބަބުން ދަތުރުވެރިންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެއާޕޯޓު މެނޭޖުކޮށް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފާހަގަކުރިއެވެ.

އެމްއޭސީއެލްއިން ބުނީ މި ޓްރެފިކް ބަދަލުތައް ގެންނަން ނިންމާފައިވަނީ މިރޭ 11:00 އިން ފެށިގެން، ޖުލައި 21 ވަނަ ދުވަހުގެ މެންދަމާއާ ހަމައަށެވެ. މި މުއްދަތުގައި، ދެ ލޭނުގެ ދެކޮޅަށް ހިނގާ ޓްރެފިކް ބަދަލުކުރެވޭނީ ވެލާނާގެ އައު ޓާމިނަލްގެ ކުރިމަތިން އަލަށް ހަދާފައިވާ މަގަށެވެ.

އެގޮތުން، ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ޓެކްސީ ޕިކްއަޕް އަދި ކިއު އޭރިއާ ބަދަލުކުރެވިފައިވަނީ ހުޅަނގު ޕާކިން އޭރިއާ ކައިރީގައިވާ ފަސިންޖަރުން ހިނގާ މަގުގެ ހިޔާ ސަރަހައްދަށެވެ. ނަމަވެސް، ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓްތަކަށާއި، އެމްޓީސީސީގެ ޕިކްއަޕް އަދި ޑްރޮޕް އޮފް ސަރަހައްދުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެމްއޭސީއެލްގެ އިންޓާނަލް ބަސްތައް ފަސިންޖަރުންނަށް ހިދުމަތް ދޭނީ ހިނގާ މަގުގެ ހިޔާ ސަރަހައްދު ކައިރިންނެވެ.

މީގެއިތުރުން، އުތުރުން ދެކުނަށް ޔޫ ޓާން ނެގުން ހުއްދަ ކުރެވިފައި ވަނީ ހަމައެކަނި ޕޮލިސް ޗެކްޕޯސްޓް ސަރަހައްދުގައި އެކަނި ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.

މި ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްއޭސީއެލްއިން ވަނީ މައާފަށް އެދިފައެވެ. އަދި، އެ ކުންފުނިން ވަނީ ދަތުރުވެރިންނަށް އެކަށީގެންވާ ގޮތަށް އެއާޕޯޓަށް ދިއުމަށް ޕްލޭން ކުރުމަށް އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%