މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި، ކާގޯ އޮފީސް ހަދައި ހިންގާނެ ކުންފުންޏެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެމްއޭސީއެލްއިން ބުނީ، މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ކާގޯ އެއާލައިނެއްގެ ގޮތުގައި ނުވަތަ ކާގޯ ސޭލްސް އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށް ވާން ޖެހޭނެކަމަށެވެ. ނޫނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ނުވަތަ ކުރިއާ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށް ވެސް މިކަމަށް ކުރިމަތިލެވޭނެކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން އެމްއޭސީއެލްގެ "ޓެންޑާ ޕޯޓަލް" ތެރެއިން ބީލަމަށް ޝައުގުވެރިކަން ފާޅުކުރަން އެ ކުންފުނިން އެދިފައިވެ އެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވުމުން، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑާ ޕޯޓަލް" ތެރެއިން ލިބޭނެކަމަށް އެމްއޭސީއެލުން ބުންޏެެވެ. އަދި "ޓެންޑާ ޕޯޓަލް"އާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރުމަށް ބޭނުންވާނަމަ، 7981289 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.
ވީއައިއޭގައި އަލަށް ތަރައްގީކޮށްފައިވާ ކާގޯ ޓާމިނަލަކީ، ކުރީގެ ޓާމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި އާ ޓާމިނަލުގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ވެސް ހިމެނޭއިރު، އެއާލައިންތަކާއި ބްރޯކަރުންނަށް ހާއްސަކޮށްފައިވާ މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެ އެވެ. މި އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އެތެރެއަށް އަންނަ އަދި ރާއްޖެއިން ބޭރުކުރާ މުދާ ހޭންޑްލް ކުރުމުގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަން ފާހަގަކޮށްލެވެ އެވެ.









