އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ ކަމަށް ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އިސްތަށީގައި ކަޅު ކުލަ ޖެއްސުމުގެ ޙުކުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން އިއްޔެ ޝާއިޢުކުރި ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަކުރެވޭ ކަމަށެވެ. އެއީ ޙަރާމްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔުއާއި ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔުކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.

ފަތުވާ މަޖިލީހުން ބުނީ މި މައްސަލަ ދިރާސާ ކުރައްވައި ޢިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާ ކަމަށެވެ.

މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ، އެ ދެ ރައުޔުއަކީވެސް ޢިލްވެރިން ގަބޫލުކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.

ފަތުވާ މަޖިލީހުން ބުނީ އެހެން ނަމަވެސް އިސްތަށީގައި ކަޅު ކުލަ ޖެއްސުން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ކަމަށެވެ.

އިސްތަށި ނުރަވުމުގެ ސަބަބުން ބައެއް ފިރިހެނުން ބޮލުގައި ކަޅު ކުލަ ޖައްސާކަން ފާހަގަކުރެވެއެވެ. ނަމަވެސް އަނެއްބައި ފިރިހެނުން ކަޅު ކުލަ ޖެއްސުމުގެ ބަދަލުގައި ހީނާފަތް ބޮލުގައި އެޅުމާއި އެހެން ކުލަތައް ޖައްސައެވެ.