ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކުގައި 'މިނިވަން 60' ލޯގޯ ބޭނުންކުރަން ނިންމަވައި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 6 ޖުލައި 2025 17:45
'މިނިވަން 60' ލޯގޯ
'މިނިވަން 60' ލޯގޯ
ޚުލާސާ

މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައި، ސަރުކާރުގެ އެކި އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޚާއްސަ ލޯގޯއެއް ބޭނުންކުރުމަށް ރައީސް ހަމަޖައްސަވައިފި.

ރާއްޖޭގެ ފަޚުރުވެރި މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ލޯގޯ، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މި މުއްދަތަކީ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުއްދަތު ކަމަށް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް މިހާރު ވަނީ ދައްކާލާފައެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު މިއަހަރު ފުރުމާއި ގުޅުވައި މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވައިލީ މިމަހުގެ ކުރީކޮޅުގައެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ލޯގޯގައި ދިވެހި ރާއްޖެ ރަމްޒުވާ ކުލަތައް ބޭނުންކުރުމަށްވެސް އުސޫލުގައި ހިމަނާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%