ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު 141 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހާމަކޮށްފިއެވެ. މި އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދެއްވިގޮތުގައި، އިނާމަށް ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ވަޒީފާގެ ލިޔުންތައް ބެލުމަށްފަހު، އިންޓަވިއުއަށް ޝަރުތު ހަމަވާ ފަރާތްތައް ވަނީ ކަނޑައަޅާފައެވެ. އަދި މިއަދު ވަނީ އެ ފަރާތްތަކާ އިންޓަވިއު ކުރަން ފަށާފައެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ދެވޭ ޝަރަފުވެރި އިނާމެކެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި އިނާމަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އެންމެ މަތީ ފެންވަރުގެ އިނާމު ކަމަށްވާތީ، މިއީ ގިނަ ބަޔަކު ޝައުޤުވެރިކަމާއެކު ބަލަމުންދާ ކަމެކެވެ.