ދެމެހެއްޓެނިވި ތަރައްގީއަށް ކަނޑުތަކުގެ ދުޅަހެޔޮކަން ވަރަށް މުހިންމު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އެގޮތަށް ވިދާޅުވީ ސްޕެއިން ސެލްވީގައި ކުރިއަށް ގެންދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގެ އިތުރު ހަރަކާތެއްގެ ގޮތުގައި، "ބްލެންޑެޑް ފައިނޭންސް އޮޕޮޗުނިޓީ ފޯ މެރީން ބަޔޯ ޑައިވާސިޓީ: ކޭސް ސްޓަޑީ އޮން ކޮރަލް ރީފް އިންޝުއަރެންސް އެންޑް ބްލޫ އިކޮނޮމީ ފައިނޭންސިން"ގެ ނަމުގައި ރާއްޖެއިން ބޭއްވި ސައިޑް އިވެންޓުގަ އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމުގެ މައިގަނޑު މަސްދަރު ކަމަށް ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ބިނާވެފައި ވަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތަފާތު އަދި ހާއްސަ ސިފަތަކުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ވަނީ މުރަކަ ހުދުވުމުގެ ހާދިސާތައް އިތުރުވަމުންދާ މިންވަރާއި ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑިކަމުގައިވާ "ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން" އެކަށީގެންވާ ފަންޑިން ނުލިބޭ ކަމާ މެދުގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެކަން ބަދަލުކުރަން ޖެހޭނެކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ ގަބޫލުފުޅުކުރެއްވޭނެ އަދި ދެމެހެއްޓެނިވި ގޮތެއް ވެސް ނޫން ކަމަށެވެ.
ރާއްޖޭގެ މުރަކަ ހިމާޔަތްކުރުމަށް އިންޝުއަރެންސް އިނީޝިއޭޓިވް ތައާރަފުކުރެއްވިކަން ވެސް ނައިބު ރައީސް އިއުލާނުކުރެއްވި އެވެ.
އެ އިނީޝިއޭޓިވްގެ މަގުސަދަކީ ރިސްކް އަގުކުރުމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މާލީ އެހީގެ ޒަރީއާއިން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް، މާލީ އެހީ ހޯދުމަށް ހުރި ހުރަސްތައް ފޫބެއްދުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، އެ މަސައްކަތުގެ ސަބަބުން ބްލޫ އިކޮނޮމީގެ ތެރޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ)ތަކަށް ބޭނުންވާ މާލީ އެހީ ލިބުމަށް މަގުފަހިވާނެ އެވެ. އޭގެ ސަބަބުން ލޯނު ދޫކުރުމުގައި ހުރި ހިރާސްތައް ކުޑަކުރެވި، ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ވުނަކުރުމަށް މާލީ ދާއިރާއިން ފުރުސަތުތައް އުފެއްދުމަށް ވެސް މަގުފަހިވާނެ އެވެ.
ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ނާޒުކުކަން ފާހަގަކުރައްވައި, ނައިބު ރައީސް ވިދާޅުވީ އެ ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ މާލީ އެހީ ލިބުމަކީ އެ ގައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ދުނިޔޭގެ މާލީ އެހީގެ ނިޒާމު އިސްލާހުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާ ކަމަށް ވެސް ވިދާޅުވި އެވެ.