ފަލަސްތީނުގެ އެކި ސަރަޙައްދުތަކަށް 70 އަހަރު ވަންދެން ހުއްޓުމެއް ނެތި ބޮން އަޅައި ކުޑަކުދިންނާއި އަންހެނުން ޝަހީދުކުރަމުންދިޔަ އިޒްރޭލުން، އީރާނާއި ދެކޮޅަށް ކުރި ހަނގުރާމަ 12 ދުވަސް ތެރޭގައި ހުއްޓާލުމަށް އެއްބަސްވީ ކީއްވެގެންތޯއަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. މިކަމަށް މައިގަނޑު ގޮތެއްގައި ގިނަ ސަބަބުތަކެއް ހުރި ކަމަށް ބެލެވެއެވެ.
1. އިޒްރޭލަށް ބޮޑު ގެއްލުންތަކެއް ލިބުން:
އީރާނުން ފޮނުވައިލި މިސައިލެއް އަމާޒުވެ އިޒްރޭލުގެ ޢިމާރާތެއް ފުނޑިފައި / ފޮޓޯ: އޭޕީ
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި ސުޕަރސޮނިކް އަދި ހައިޕަރސޮނިކް މިސައިލް ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތާރީޚުގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ސްޓެލްތު ބީ-2 ބޮންމަރ އީރާނާއި ދެކޮޅަށް ބޭނުންކުރި ނަމަވެސް، އިޒްރޭލަށް ލިބުނު ގެއްލުންތައް ގިނަވިއެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ޣައްޒާއާ އެއްފަދަ ހާލަތެއް ކުރިމަތިވެ، މުޅިނދުނިޔެއަށް އިޒްރޭލުގެ ބަލިކަށިކަން ފެނުނެވެ. އިޒްރޭލުގެ ރައްޔިތުންނަށް ދުވާލާއި ރޭގަނޑު ބަންކަރުތަކުގައި ދިރިއުޅެން މަޖުބޫރުވުމުން ބޮޑު ހާސްކަމެއް ކުރިމަތިވިއެވެ. މިކަމަކީ އެމީހުންނަށް މީގެކުރިން އާދަވެފައި ނުވާ ކަމެކެވެ. މި ހާލަތުގައި އިޒްރޭލުގެ ދިފާއީ ނިޒާމު ދަށްވަމުން ދިޔައިރު، ހަނގުރާމަ ހުއްޓާލުމުގެ އިތުރު ގޮތެއް އެމީހުންނަށް ނެތެވެ.
2. އަސްކަރީ ބާރާއި އެމެރިކާގެ ފަސްޖެހުން:
ދުނިޔޭގެ އަސްކަރީ ބާރުގެ އިންޑެކްސްގައި އިޒްރޭލު 15 ވަނައިގައި އޮތް ނަމަވެސް، 16 ވަނައިގައި އޮތް އީރާނަކީ ދުނިޔޭގެ އެންމެ ކުޅަދާނަ މިސައިލްތަކާއި ޑްރޯންތައް ގިނަ އަދަދަކަށް އުފައްދާ ގައުމެކެވެ. އިޒްރޭލަށް އެކަނި އީރާނާއި ދެކޮޅަށް ހަނގުރާމަ ކާމިޔާބު ކުރެވޭނެ ގޮތެއް ނެތެވެ. މި ހަނގުރާމަ ކާމިޔާބު ކުރުމަށް އެމެރިކާ ސީދާ ބައިވެރިވުން ލާޒިމްވާނެއެވެ. ނަމަވެސް، މިހާރު އެމެރިކާއަކީ "މުސްކުޅި ސިންގާއެއް" ފަދައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ ސަޕޯޓަރުންގެ ވޯޓު ހޯއްދެވީ އަލަށް އެއްވެސް ހަނގުރާމައެއް ނުފަށާނެ ކަމަށް ވަޢުދުވެގެންނެވެ. އެހެންކަމުން، އޭނާގެ ސަޕޯޓަރުންގެ އީރާނު ހަނގުރާމަ ހުއްޓަލުމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވިއެވެ.
ޓްރަމްޕުގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކުން އީރާނު ހަނގުރާމަ ހުއްޓަލުމަށް ގޮވާލައި އެމެރިކާގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ / ފޮޓޯ: އޭޕީ
މީގެ އިތުރުން، އެމެރިކާ ސީދާ ބައިވެރިވާން ފަސްޖެހުނު އިތުރު ސަބަބަކީ، އީރާނަށް އެހީތެރިވާން ތައްޔާރަށް ތިބި ޗައިނާ އާއި ރަޝިޔާ ވެސް މި ހަނގުރާމައަށް ވަދެއްޖެނަމަ، އެމެރިކާއަށް ދެވަނަ ވިއެޓްނާމް ހަނގުރާމައަކަށް ވާނެކަމުގެ ބިރެވެ.
3. ހޯމުޒް ކަނޑުއޮޅީގެ މުހިންމުކަން:
ހަނގުރާމަ ހުއްޓަލުމަށް މުހިންމު އަނެއް ސަބަބަކީ، ޔޫރަޕަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް އުފުލާ ހޯމުޒް ކަނޑުއޮޅިއާ ކައިރީގައި އީރާން އޮތުމެވެ. އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ، ޔޫރަޕުގެ އިގްތިސާދަށް ބަދަލު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެއެވެ. މިކަމަކީ ވެސް ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކުރުވި ކަމެކެވެ.
4. އީރާނުގެ މިސައިލް ގާބިލްކަމަށް އެމެރިކާ ބިރުގަތުން:
ހަތަރުވަނަ ކަމަކީ، އީރާނުގެ ކުރިއަރާފައިވާ މިސައިލް ގާބިލްކަމަށް އެމެރިކާ ބިރުގަތުމެވެ. ފުރިހަމަ ހަނގުރާމައެއް ފެށިއްޖެނަމަ، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުވެ، އެމެރިކާގެ ސޫރަ އާއި ބާރު ދަށްވަމުން ދާނެކަމުގެ ބިރެވެ.
5. އީރާނުގެ ރައްޔިތުންގެ ތާއީދު އިތުރުވުން:
އިޒްރޭލާއި އެމެރިކާއަށް އީރާނުގެ ރައްޔިތުންގެ އެހީތެރިކަމާ ނުލައި އީރާން ބަލިކުރެވޭނެ ގޮތެއް ނެތެވެ. އެމީހުން ގަބޫލުކުރީ އާޔަތުﷲ ޚާމެނާއީގެ 40 އަހަރުގެ ވެރިކަމަށް އީރާނުގެ ރައްޔިތުން ދެކޮޅު ކަމަށާއި، ހަމަލާއެއް ދީފިނަމަ އީރާނުގެ ވެރިކަމާއި ދެކޮޅަށް ގައުމީ ފެންވަރުގައި މުޒާހަރާތައް ފެށޭނެ ކަމަށެވެ. މިއީ އެމެރިކާއިން ޤައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް މީގެ ކުރިން ކޮށްފައި ހުރި ކަންތަކެވެ. ނަމަވެސް، މިކަން އީރަނުގައިވީ ބިލާހަކަށެވެ. އެމެރިކާގެ ރޭވުން ކާމިޔާބު ނުވެ، އެކަން ދިމާ އިދިކޮޅަށް ޖަހައި، އީރާނުގެ ރައްޔިތުންގެ މެދުގައި ޚާމަނާއީ އަށް އޮތް ތާއީދު އިތުރުވިއެވެ. މިކަމަކީ ވެސް ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކުރުވި ސަބަބެކެވެ.
މި ހުރިހާ ސަބަބުތަކަށް ބަލާއިރު، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ އީރާނުގެ ބާރު މާ ގަދަވެފައި، ފުރިހަމަ ހަނގުރާމައެއް ފެށިއްޖެނަމަ އިސްރާއީލުގެ ވަސް ފޮހެލުމަށް އީރާނުން މަސައްކަތް ކުރާނެކަން އެނގޭތީ ކަމަށް ބެލެވެއެވެ. އީރާނުން އެމެރިކާއާއި އިސްރާއީލަށް ގޮންޖަހައި ގަދަ ބަސް ބުނެ، ހަމަލާތަކަށް މާވަރުގަދަ ރައްދުތައް ދިނުމުން، 12 ދުވަސް ތެރޭގައި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީއެވެ. އެ ނޫން ގޮތެއް ނެތީމައެވެ.