ފީފާ ކުލަބް ވޯލްޑު ކަޕުގައި ގްރޫޕް ޑީ އިން ޗެލްސީ އަދި ފްލެމެންގޯ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
މިއަދު ހެދުނު ކުޅުނު ގްރޫޕް ޑީ ގެ މެޗުތަކުގައި ޗެލްސީ 0-3 ގެ ނަތީޖާއިން އެސްޕްރެންސް ބަލިކޮށްފައިވާއިރު ފްލެމެންގޯ އަދި ލޮސް އެންޖަލަސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި ނަތީޖާތަކާއެކު ފްލެމެންގޯ ގްރޫޕްގެ ކުރީގައި 7 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ ދެވަނައިގައި އޮތީ 6 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެސްޕަރަންސް އަށް 3 ޕޮއިންޓް ލިބިފައިވާއިރު ލޮސް އެންޖަލަސް ހަތަރު ވަނައިގައި އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.
ޗެލްސީއަށް ގޯލުތައް ޖަހައިދިނީ އަޑާރަބިއޯޔޯ، ޑިލަޕް އަދި ޖިއޯޖް އެވެ. ފްލެމެންގޯ އަދި ލޮސް އެންޖަލަސް ބައްދަލުކުރި މެޗުގައި ގޯލުތައް ފެނިފައިވަނީ ދެވަނަ ހާފުގައެވެ. ބުއާންގައި ލޮސް އެންޖަލަސް އަށް 84 ވަނަ މިނެޓުގައި ލީޑު ނަގައިދީފައިވަނިކޮށް އޭގެ ދެމިނެޓު ފަހުން ވަލެސް ޔަން ވަނީ ފްލެމެންގޯއަށް ގޯލެއް ޖަހައިދީ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާތަކާއެކު ގަދަ 16 ވަނަ ބުރުގައި ޗެލްސީ ނިކުންނާނީ ގްރޫޕް ސީ ގެ އެއްވަނަ ހޯދި ބެނެފީކާއާއި ދެކޮޅަށެވެ. އަދި ފްލެމެންގޯ ނިކުންނާނީ އެ ގްރޫޕްގެ ދެވަނަ ހޯދި ބަޔާން މިޔުނިކާއި ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ އަންނަ ހަފްތާގައެވެ.