އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީން އާސެނަލްއަށް ބޮޑު ޕްރެޝަރެއް ކުރިމަތިކޮށްފި އެވެ. މިރޭ ކުޅުނު މެޗުގައި ސިޓީން ވަނީ ބްރެންޓްފޯޑްގެ މައްޗަށް 3-0 އިން ކާމިޔާބީ ހޯދާފަ އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް ތިން ލަނޑު ޖަހާފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ޖެރެމީ ޑޮކޫއެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަރުމޫޝް އެވެ.
މި މޮޅާއެކު ސިޓީ މިވަނީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. މިހާތަނަށް ދެ ޓީމުންވެސް 35 މެޗު ކުޅެފައިވާއިރު، އާސެނަލް އެއްވަނައިގައި އޮތީ 76 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެވަނައިގައި އޮތީ 74 ޕޮއިންޓާއެކުގަ އެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ ތިން މެޗެވެ.
ލީގުގެ ގޯލުގެ ތަފާތަށް ބަލާއިރު، އާސެނަލް މިވަގުތު އޮތީ ކުޑަ ތަފާތަކުން ކުރީގަ އެވެ. އާސެނަލްގެ ގޯލުގެ ތަފާތަކީ 41 އެވެ. ސިޓީގެ ގޯލުގެ ތަފާތަކީ 40 އެވެ. މާދަމާ ރޭ އާސެނަލް ނުކުންނާނީ ރެލިގޭޝަންގެ ބިރު އޮތް ވެސްޓް ހޭމްއާ ދެކޮޅަށެވެ.
މި މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޓީމަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފިލް ފޯޑަން އާއި މަރުމޫޝް ކުޅެން އެރުވުމަކީ ސިޓީގެ ކުޅުން ރަނގަޅުވެގެންދިޔަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
ސިޓީން މި މެޗު ކާމިޔާބުކުރިއިރު، ލީގުގެ އެހެން ބޮޑެތި ޓީމުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް މި ހަފްތާގައި ޖެހުނީ އެއް ޕޮއިންޓަކުން ފުއްދާލާށެވެ. ޔުނައިޓެޑާއޮ ސަންދަލޭންޑް ބައްދަލުކުރި މެޗުގައި ގޯލެއް ފެނިފައިނުވާއިރު ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ދެ ގޯލުވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔަ އިރު ފުރަތަމަ ގޯލު ކާމިޔާބުކުރީ ހަވަނަ މިނެޓުގައި ލިވަޕޫލުން ގްރެވެންބާޗް އެވެ. އަދި 35 ވަނަ މިނެޓުގައި ޗެލްސީގެ ގޯލު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ.
މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވުލްވްސް މައްޗަށް ބްރައިޓަން އިން 0-3 ގެ ނަތީޖާއިން ކުރިހޯދި އިރު ފުލަމް އާއި ބޯންމައުތު ކުޅުނު މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބޯންމައުތު އެވެ.










