އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ، އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ފެށުން ބިރުވެރި ހުވަފެނަކަށް ވެއްޖެއެވެ.
މި ބައްޔާއެކު ޕޮޗެޓީނޯ ވެފައިވަނީ، 1926 ވަނަ އަހަރު ލާލް ހިލްޑިޗަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ މެޗުން އެންމެ ތަފާތު ބޮޑުކޮށް ބަލިވި ކޯޗުގެ ރެކޯޑާ އެއްވަރުވި ކޯޗަށެވެ. މީގެއިތުރުން، ފާއިތުވި 40 އަހަރު ތެރޭގައި އެންމެ ދަށް ފެށުމަކާއެކު ސީޒަން ކުރިއަށްގެންދާ 20 ފަހަރުގެ އިނގިރޭސި ޗެމްޕިއަނުން، މި ބައްޔާއެކު މިހާރު އޮތީ ލީގު ތާވަލުގެ ފުލުން ދެވަނައިގައެވެ. މި ސީޒަނުގައި ޔުނައިޓެޑަށް ހޯދިފައިވަނީ ލީގުގެ އެންމެ މޮޅެކެވެ.
އެންފީލްޑްގައި ކުޅުނު މި މެޗު ފެށިގެން އަށްވަނަ މިނެޓުގައި ޔުނައިޓެޑަށް ބޮޑު ލޮޅުމެއް އެރީ، ލަނޑު ޖަހަން ހުސްކޮށް ދިޔަ އެލެކްޒެންޑާ އިސާކްއަށް އޭރިއާ ބޭރުން ކުރި ފައުލަކާ ގުޅިގެން އެ ޓީމުގެ ލެނީ ޔޯރޯއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. 10 ކުޅުންތެރިންނަށް މަދުވި ޔުނައިޓެޑް ކޮޅަށް، ލިބުނު ހިލޭ ޖެހުމުން 10 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލާއި ވަނީ ގޯލެއް ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން، މެޗުގެ 13 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ވަނީ ވޮލީއަކުން ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ބްރެޑްލީ ބާކޯލާ އަދި އިސާކަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ. އަދި ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ކުރި މުހިންމު ސޭވްތަކުގެ ސަބަބުން ނަތީޖާގެ ފަރަގު އިތުރަށް ބޮޑުނުވެ ހިފެހެއްޓުނެވެ.
އެހެންނަމަވެސް، ލިވަޕޫލްގެ ވަރުގަދަ ހަމަލާތަކާއެކު މެޗުގެ 66 ވަނަ މިނެޓުގައި ރިއޯ އެންގުމޯހާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް، 82 ވަނަ މިނެޓުގައި ވިކްޓާ މުނޯޒް ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހައި، ޔުނައިޓެޑް މައްޗަށް ފުރިހަމަ ކާމިޔާބީއެއް ކަށަވަރުކޮށްދީފައެވެ.



