ވެލާނާ އާ ޓާމިނަލްގެ ފެން ޕައިޕްލައިން އިފްތިތާހުކޮށްފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 22 ޖޫން 2025 16:33
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ފެން ޕައިޕްލައިން އިފްތިތާހުކުރުން / ފޮޓޯ: އެމްއޭސީއެލް
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ފެން ޕައިޕްލައިން އިފްތިތާހުކުރުން / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އަންނަ މަހުގެ 26 ގައި ހުޅުވުމަށް ކުރިއަށްދާ ތައްޔާރީތަކުގެ ތެރެއިން ވީއައިއޭ އާ ޕެސެންޖަރުޓާމިނަލަށް އިތުބާރު ހިފޭ ބޯފެން ފޯރުކޮށްދިނުމަށް ފެނުގެ އާ ޕައިޕްލައިން ރަސްމީކޮށް އިފްތިތާހުކޮށްފި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރު ޓާމިނަލަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ގާއިމްކުރި ފެނުގެ އާ ޕައިޕްލައިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕައިޕްލައިން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މި ޕައިޕްލައިނަކީ ޓާމިނަލަށް އިތުބާރު ހިފޭ ބޯފެން ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން އެމްއޭސީއެލް އިން ފާހަގަކުރެއެވެ. އެއްގަމު ތޮށިން ގާތްގަނޑަކަށް 1،800 މީޓަރު އަދި ފަޅުން 635 މީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ މި ޕައިޕްލައިން ނިންމުމުގައި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތަށް އެމްއޭސީއެލް އިން ވަނީ ޝުކުރު ދަންނަވާފައެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ވެސް މިހާރު ވަނީ ފަށާފައެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމުގައިވާ އަންނަ މަހުގެ 26 ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއެވެ. އެމްއޭސީއެލް އިން މިހާރު ދަނީ އެއާޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަށްވާ އިރު، މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އެހެންނަމަވެސް، އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ މަޝްރޫއުގެ މަސައްކަތެއް މާ ބޮޑަކަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%