އިރާނުގެ ނިއުކްލިއަރ ސައިޓުތަކަށް އެމެރިކާއިން ހަމަލާދީފި

ޖަވާދު | 5 ގަޑިއިރު ކުރިން - 22 ޖޫން 2025 08:49
އީރާނުގެ ފޯޑޯ ނިއުކްލިއަރ ސައިޓް: އެމެރިކާއިން ރޭ މިތަނަށް ވެސް ހަމަލާދީފި.
އީރާނުގެ ފޯޑޯ ނިއުކްލިއަރ ސައިޓް: އެމެރިކާއިން ރޭ މިތަނަށް ވެސް ހަމަލާދީފި.
ޚުލާސާ

އެމެރިކާއިން ޒަމާނީ މިސައިލާއި ބޮން ބޭނުންކޮށްގެން އީރާނުގެ ޔުރޭނިއަމް ފައްކާކުރާ ތަންތަނަށް ރޭ ދަންވަރު ހަމަލާދީ ހަލާކުކޮށްލައިފި ކަމަށް ބުނެފި.

ރޭ މެންދަމު އެމެރިކާއިން އިރާނުގެ މުހިންމު ނިއުކްލިއަރ ސައިޓުތަކަށް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ އަމާޒަކީ އިރާނުގެ ނިއުކްލިއަރ އެންރިޗްމަންޓް ޕްރޮގްރާމް ހުއްޓުވުން ކަމަށާއި ބަދަލުގައި ޙަމަލާއެއް ދީފި ނަމަ ދެން ދޭނީ މާ ނުރައްކާތެރި ޙަމަލާއެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ މި ހަމަލާތަކުގައި، އިރާނުގެ ފޯޑޯ، ނަޓާންޒް އަދި އިސްފަހާނުގައި ހުންނަ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި 80 މީޓަރުގެ އަޑީގައިވާ ފޯޑޯ ފެސިލިޓީއަށް ޖީބީޔޫ-57 މެސިވް އޯޑްނަންސް ޕެނެޓްރޭޓަރ ބޮމުން ޙަމަލާ ދީފައިވާ ކަމަށާއި، މީގެ އިތުރުން. އެއްފަހަރާ އެމެރިކާގެ އުޅަނދުތަކުން ފޮނުވި ޓޮމާހޯކް ކްރޫޒް މިސައިލްތަކުން ވަނީ ނަޓާންޒް އަދި އިސްފަހާނުގައި ހުންނަ ޔުރޭނިއަމް މުއްސަނދިކުރާ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފައި ކަމަށް އެމެރިކާއިން ބުނެއެވެ. މި ސައިޓުތަކަކީ އިރާނުގެ ޔުރޭނިއަމް ރައްކާކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާކަމަށް ކުރިން ވެސް ތުހުމަތުކުރެވޭ ސައިޓުތަކެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަމަލާތަކަކީ ކާމިޔާބު ހަމަލާތަކެއް ކަމަށް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ސައިޓުތައް "ނައްތާލެވިފައިވާ" ކަމަށާއި، ނަމަވެސް އިސްފަހާންގައި ހުރި ސައިޓްތަކަކީ ހީކުރިވަރަށްވުރެވެސް މާ ބޮޑު އަދި މާ އަޑީގައި ހުރި ސައުޓުތަކެއް ކަމަށް ވާތީ އެކީއެކަށް އެތަންތަން ހަލާކުވިކަމެއް ނޭނގޭ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ އިރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް މިއީ ކޮންމެހެން ދޭންޖެހޭ ޙަމަލާއެއް ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ މި ހަމަލާތަކަކީ "ސަރޖިކަލް" ހަމަލާތަކެއް ކަމަށާއި، ވެރިކަން ބަދަލުކުރުމުގެ މަގުސަދެއް ނެތް ކަމަށެވެ.

އިރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުން ވަނީ މި ހަމަލާތަކުގައި ބައެއް ސައިޓުތަކަށް ގެއްލުންވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ސައިޓުތަކުން ރޭޑިއޯއެކްޓިވް އެއްޗެއް ބޭރުނުވާކަމަށާއި، ހަމަލާތަކުގެ ކުރިން ބައެއް ތަންތަން ހުސްކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. މި ޙަމަލާގައި އިރާނުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ނަމަވެސް، އެތައް ސަތޭކަ މިލިއަން ޑޮލަރުގެ މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަސްދަރުތައް ބުނެއެވެ.

އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާއި ޔޫރަޕުގެ ލީޑަރުން ވަނީ މި ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ އިންޒާރު ދެއްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%