މަދަނީ ބޭނުމަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަކީ އީރާނަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި، އެކަމަށް ރަޝިޔާއިން ފުރިހަމައަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ރައީސް ޕޫޓިން، ސްކައި ނިއުސް އަރަބިއްޔާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ދެ ފަރާތުން ހިނގަމުންދާ ކުރިމަތިލުންތަކުގެ ލޭއޮހުރުވުން ހުއްޓުވަން ރަޝިޔާއިން ދެ ފަރާތަށް ވެސް ޚިޔާލުތަކެއް ހުށަހަޅާފައިވާކަމަށް ޕޫޓިން ވިދާޅުވި ނަމަވެސް، އެކަމުގެ ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތްކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ރަޝިޔާއިން ތަކުރާރުކޮށް އިސްރާއީލަށް ޔަޤީންކަން ދެމުންދަނިކޮށް، ޔަހޫދީން (އިސްރާއީލު) އީރާނަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށާފައިވާކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.
އިސްރާއީލާއި އީރާނާއި ދެމެދު ހިނގަމުންދާ މި ކުރިމަތިލުންތައް ފެށިފައިވަނީ ޖޫން 13 ވަނަ ދުވަހު އިސްވެ އިސްރާއީލުން އީރާނަށް ޙަމަލާދޭން ފެށުމުންނެވެ. ރަޝިޔާގެ އިތުރުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ތައްޔާރުވަމުންދާ ކަމުގެ އެއްވެސް ހެއްކެއް ދުވަހަކުވެސް ލިބިފައި ނުވާކަމަށްވެސް ޕުޓިން ވިދާޅުވިއެވެ. އަދި މި ވާހަކަ ރަޝިޔާއިން ތަކުރާރުކޮށް އިސްރާއީލުގެ ވެރިންގެ ސަމާލުކަމަށް ގެންނަމުން ދިޔަ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
ޖޫން 13 ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައިވަނީ ޔަހޫދީންނެވެ. އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ.
ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް 722 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި 2,546 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އީރާނުން ވެސް ދަނީ ރައްދުގައި ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީ، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.









