ތުރްކިޔޭގެ އިސްތަންބޫލުގައި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން (އޯ.އައި.ސީ.) ގެ 51 ވަނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް، އިސްތަންބޫލަށް ވަޑައިގެންފިއެވެ.
އޯއައި.ސީ. ގެ 51 ވަނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ބައިވެރިން އިސްތަންބޫލްގައި.
ދިވެހި ސަރުކާރު ރެޕްރެޒެންޓް ކުރައްވާ ފޮރިން މިނިސްޓަރު މި ބައްދަލުވުމަށް އިސްތަންބޫލަށް ވަޑައިގެންނެވި ދަނޑިވަޅަކީ ޣައްޒާ އާއި ސޫދާނާއި ލީބިޔާ އާއި ލުބުނާނުގެ އިތުރުން އީރާނުގެ މުސްލިމުންނަށް ހަނގުރާމަ އާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ.
މިނިސްޓަރ ޚަލީލް އިސްތަންބޫލަށް ވަޑައިގަތުމުން، ތުރުކިޔޭގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޚަލީލް ވަނީ ތުރްކިޔޭގެ ސަރުކާރުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، އުންމަތަށް ކުރިމަތިވެފައިވާ އެންމެ ހޫނު މައްސަލަތަކާއި ގުޅޭގޮތުން އިސްލާމީ ދުނިޔޭގެ ލީޑަރުންނާއި މަޝްވަރާ ކުރުމަށް އިންތިޒާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ އޯ.އައި.ސީ. ބައްދަލުވުމަށް، އެ ޖަމާޢަތުގެ މެންބަރު 57 ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ތުރްކިޔޭއަށް ވަޑައިގެންފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި، ފަލަސްތީނުގެ މައްސަލަ، އިސްލާމޮފޯބިއާ، ޣައްޒާ އާއި ސޫދާނުގައި ހިނގާ އިންސާނީ ކާރިސާތައް އަދި ޖައްމޫ ކަޝްމީރު ފަދަ ހިފާފައިވާ ސަރަޙައްދުތަކުގައި މުސްލިމުންގެ ހާލަތާއި ބެހޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ. މީގެ އިތުރުން، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމުގެ ސްޓްރެޓެޖީތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.
މިނިސްޓަރ ޚަލީލް މި ބައްދަލުވުމުގައި، ފަލަސްތީނަށް ދޭންޖެހޭ ދުނިޔޭގެ އެއްބާރުލުން އިތުރުކުރުމަށާއި، ކުދި ރަށްވެހި ޤައުމުތަކަށް (އެސް.އައި.ޑީ.އެސް.) މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވައިލައްވާނެ ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި މުސްލިމް ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށްވެސް އެމަނިކުފާނު ވަކާލާތު ކުރައްވާނެއެވެ.
އޯ.އައި.ސީ. އަކީ، އ.ދ. އަށް ފަހު ދެވަނައަށް އެންމެ ބޮޑު ސަރުކާރުތަކުގެ މެދުގައި ހިންގާ ޖަމާޢަތެކެވެ. މުސްލިމް ދުނިޔޭގެ އެއްބައިވަންތަކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި، ތަރައްޤީއަށް މަގުފަހިކުރުމުގައި މި ޖަމާޢަތުން އަދާކުރަނީ މުހިންމު ދައުރެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.