ފްލެމިންގޯގެ އަތްދަށުވެ ޗެލްސީއަށް ބުރަ މަސައްކަތް ކުރަން ޖެހިއްޖެ

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 21 ޖޫން 2025 10:43
ފްލެމިންގޯ އިން ޗެލްސީގެ ގޯލަށް ބޯޅަ ވައްދާލަނީ. ރޭ ފްލެމިންގޯއިން ޗެލްސީ ކޮޅަށް 3 ލަނޑު ޖެހި.
ފްލެމިންގޯ އިން ޗެލްސީގެ ގޯލަށް ބޯޅަ ވައްދާލަނީ. ރޭ ފްލެމިންގޯއިން ޗެލްސީ ކޮޅަށް 3 ލަނޑު ޖެހި.
ޚުލާސާ

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފްލެމިންގޯ ވަނީ ގްރޫޕުގެ އެއްވަނަ މަގާމް ހޯދައި ދެވަނަ ބުރުގެ ޖާގަ ހޯދާފަ. ޗެލްސީއަށް އޮތީ ތުނިސް އަތުން މޮޅުވުން.

ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އިނގިރޭސި ކްލަބް ޗެލްސީ އާއި، ބްރެޒިލްގެ ފްލެމިންގޯ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ޗެލްސީ ބަލިވެ، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ބުރަވެއްޖެއެވެ.

އެމެރިކާގެ ފިލަޑެލްފިއާގައި ހުންނަ ލިންކޮން ފައިނޭންޝަލް ފީލްޑްގައި ފަންސާސް ހަތަރު ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވުމުން، ގްރޫޕުގެ ފަހު މެޗު ކާމިޔާބު ކުރުމަށް އެ ޓީމަށް ވަނީ މަޖުބޫރު ވެފައެވެ.

ރޭގެ މެޗަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އާންމުކޮށް ފުރަތަމަ 11 ގައި ފެންނަ ފޯވަޑް ނިކޮލަސް ޖެކްސަންގެ ބަދަލުގައި، ދާދި ފަހުން ޓީމާ ގުޅުނު ލިއާމް ޑެލަޕް އަށް ވަނީ ފުރަތަމަ ފުރުސަތު ދީފަ އެވެ.

ރޭ މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ވެސް ޗެލްސީއެވެ. މެޗުގެ 13 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ވަނީ ފަސޭހަކަމާއެކު ލަނޑެއް ޖަހައި ޗެލްސީއަށް ކުރި ހޯދަދީފަ އެވެ. ލީޑު ފުޅާކުރުމަށް ޗެލްސީއަށް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުމެއް ހިފިފައެއް ނުވެ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 17 މިނިޓު ފަހުން ފްލެމިންގޯގެ ބްރޫނޯ ހެންރީކޭ ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެއާއި އެކު ޗެލްސީން ވަނީ ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަކުރުމަށް ލިއާމް ޑެލަޕްގެ ބަދަލުގައި ނިކޮލަސް ޖެކްސަން ކުޅެން އަރުވާފަ އެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނިޓުގައި ޑެނީލޯ ފްލެމިންގޯއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގައި ފުރަތަމަ ފަހަރަށް ފްލެމިންގޯއިން ލީޑު ނެގި އެވެ.

ފްލެމިންގޯއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަލަސް ޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއިއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޗެލްސީއަށް ޖެހޭނީ ގްރޫޕުގެ ފަހު މެޗުގައި މޮރޮކޯގެ ތޫނިސް އަތުން މޮޅުވާށެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފްލެމިންގޯ ވަނީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ހޯދާ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%