ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1580 މީހުން ހައްޔަރުކޮށް، 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ، މި ތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ މިންވަރު މަދުކޮށް، އެ ތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އެގޮތުން، ވުޒާރާގެ ބެލުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން، މިހާތަނަށް ސަރުކާރުން ކުރެވުނު މަސައްކަތުގެ ތެރެއިން 726 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވެއެވެ. މީގެ އިތުރުން 14200 ރާފުޅި ވެސް ހިފެހެއްޓިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ބޮޑު "އިންޑަސްޓްރީ" އަކަށް ބޮޑު ލޮޅުމެއް ގެނެވިފައިވާ ކަމަށެވެ. "ކުރިއަށް އޮތްތާވެސް ބަލާނީ އެތެރެވާ އަދި ދައުރުވާ މަސްތުވާތަކެތި ހިފަހައްޓާ އޭގެ ވިޔަފާރި ހުއްޓުވުމަށް. މިކަމުގެ ތެރޭގައި ތަހުޤީޤު ފޯކަސް ކުރަނީ ވިޔަފާރިތަކާއެކު މަސައްކަތް ހުއްޓުވުމަށް. ކުރީގައި ފޯކަސް އޮތީ މަގުމަތީގައި ވިއްކާ މީހާ ހިފުމަށް،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި 275 އޮޕަރޭޝަން ހިންގާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަންތަކުން 1580 މީހަކު ހައްޔަރުކޮށް، މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިކަންކަމާއިއެކު، ސަރުކާރުން މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރުމަށްޓަކައި ރަނގަޅު ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި އަހަރާއި އަންނަ އަހަރު ވެސް މި ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދެވޭނީ އެކަށީގެންވާ ވަސީލަތްތައް ޤާއިމުކޮށް މީހުން ތަމްރީނު ކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މިހާރުވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ދާޚިލީ ވަޒީރު ފާހަގަކުރެއްވިއެވެ. އެ ރަށްތަކަކީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަން އެވެ.
ސަރުކާރުން މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، ޤާނޫނުގެ ތެރެއިން މަސްތުވާތަކެތީގެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި ދެން އަންނަ ނިޒާމުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މުދާތައް ދައުލަތަށް ނެގި، އެ މުދާތައް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ އޮޕަރޭޝަންތަކުގައާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.