އީރާނުން އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލި ނަމަވެސް، އީރާނުން އޮތީކީ އަމާން ދޭ ގޮތަކަށް ނޫން ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނާއި އިސްރާއީލްއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަންނާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އޭގެ ފަހުން އީރާނުން އަމާން ދިނުމަށް ގޮވާލާފައިވެއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އާޔަތުﷲ ހާމަނާއީ ވިދާޅުވީ "އެމެރިކާއަށް އެނގެން ޖެހޭނެ ކަމަކީ އަސްކަރީ އެއްވެސް ކަމެއް ކޮށްފިނަމަ، އަރައިނުގަނެވޭ ވަރުގެ ހަމަލާތައް ދޭނަން" ކަމަށެވެ. އަދި އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދޭ ކަމުގައިވާ ނަމަ ސީރިއަސް، އަދި އަރައިނުގަނެވޭ ފަދަ ގެއްލުމެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާޔަތުﷲ ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއީއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ. އީރާނުން ނިންމާ ނިންމުންތަކަކީ އޭނާގެ ބެއްލެވުމުގެ ދަށުން ނިންމަވާ ނިންމެވުންތަކެވެ.









