މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކަށް އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ބަރލިންގައި އިއްޔެ ބޭއްވި ކްލައިމެޓް މޮބިލިޓީ ފޯރަމްގެ ތެރެއިން އިންތިޒާމްކުރެވުނު ހައި ލެވެލް ބްރެކްފަސްޓް މީޓިންގގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
ޖަރުމަން ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ އާއި ރޮބަޓް ބޮޝް ސްޓިފްޓަންގް ފައުންޑޭޝަނުން އިންތިޒާމްކުރި މި ބައްދަލުވުމުގައި، ވަޒީރު ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި، އަދި އިންޑަސްޓްރީގެ އިސް ލީޑަރުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގެ ކަންބޮޑުވުންތަކާއި އިސްކަންދޭ ކަންތައްތައް ހިއްސާކުރައްވާފައެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތައް ވަރަށް ބޮޑު. އަޅުގަނޑުމެން އެބަޖެހޭ މިކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަން." ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެކެވެ. މީގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.