ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީގެ އާއިލާ ސިޔާސީ މުޑުދާރުންގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މާފަށް އެދެން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މީގެ 7 އަހަރު ކުރިން އަވަހާރަވި ޑރ. އަބްދުލްމަޖީދު އަވަހާރަ ކޮށްލާފައި ވާކަމަށް ތުހުމަތުކޮށް މިއަދު އެކްސްގައި އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަބްދުލްމަޖީދުގެ ކުއްލި މަރާއި ގުޅިގެން މިއޮތްހާ ދުވަހު ހިތުގައި އުފެދިފައިވާ ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށާއި އޭނާ ޝަހީދުކޮށްލީ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން މުހުތާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. ބާރީ ދުނިޔޭގައި ހުންނެވިއިރު ވެސް ފިތުނައަށް ޖާގަ ނުދެއްވަން އަބަދުވެސް މަސައްކަތް ކުރެއްވި ކަމަށާއި އިމްރާން ދެއްކެވި ވާހަކަތަކަކީ ސިޔާސީ މުޑުދާރު ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އިމްރާން މާފަށް އެދެން ޖެހޭ ކަމަށް މުހުތާޒު ވަނީ ވިދާޅުވެފައެވެ.
"އުސްތާޛަކީ ދުނިޔޭގައި ހުންނެވި އިރުވެސް ތިޔަފަދަ ފިތުނައަށް ޖާގަދެއްވި ބޭފުޅެއްނޫން. ތިޔަ ބާވަތުގެ ވާހަކަ ފަތުރާނީ ސިޔާސީ ގޮތުން ހައްދުފަހަނައެޅި މީހުން. ތިޔަ ވާހަކަ ދެއްކެވި ބޭފުޅަކު މާފަށް އެދެން ވެސް ޖެހޭނެ. އެ އާއިލާ ސިޔާސީ މުޑުދާރުންގެ ޝިކާރައަކަށް ވުމަށް ފުރުސަތު ނުދެވޭނެ." މުހުތާޒް ވިދާޅުވިއެވެ.
މުހުތާޒް އިތުރަށް ވިދާޅުވި ގޮތުގައި އިމްރާން ވަނީ އެތަކެއް ރައްޔިތުންގެ ކުރިމަތީ ކަރުދާސްތަކެއް ދައްކަވައި، މަރުހޫމް ޑރ. އަފްރަޝީމްގެ ގާތިލުންނާއި ބެހޭ ހެކި މިހިރީކަމަށް ވެސް ވިދާޅުވެފައެވެ. ދާޚިލީ ވުޒާރާގައި ދައުރެއް ފުރިހަމަކުރެއްވި އިރު އެ ހެކި ވެސް ވެގެން ދިޔައީ މިހާރު އެ ފަތުރާ ފަދަ ފިތުނައަކަށް ކަމަށް މުހުތާޒް ވަނީ ވިދާޅުވެފައެވެ.






