ރާއްޖޭގެ ވޯޓާއެކު ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރުކަން ލިބިއްޖެއެވެ. މިއީ ބައިނަލްއަގްވާމީ މަސައްކަތުގެ ބާޒާރުގައި ފަލަސްތީނު މަސައްކަތްތެރިންގެ ހައްގުތައް ބަލައިގަނެ، ކުރިއެރުވުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
އައިއެލްއޯއަކީ މަސައްކަތްތެރިންނަށް އިޖްތިމާއީ އަދި އިގްތިޞާދީ ހަމަހަމަކަމާއި އިންސާފު ގާއިމްކުރުމަށް މަސައްކަތްކުރާ އދ.ގެ އެޖެންސީއެކެވެ. 1919 ވަނަ އަހަރު އުފެދުނު މި އެޖެންސީގައި މިހާރު 187 ގައުމެއްގެ މެންބަރުން ހިމެނެއެވެ.
މި ސެޝަންގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ފަލަސްތީނުގެ ވަފުދާއި ބައްދަލުކުރައްވައި، އަދުލުގެ މަގަށް ރާއްޖޭގެ ފަރާތުން އަބަދުވެސް ތާއީދާއި އެއްބާރުލުން ލިބޭނެކަން ފާހަގަކުރައްވާފައެވެ.
ދިވެހި ސަރުކާރުން ބުނި ގޮތުގައި، މި ނިންމުން ފާސްވުމުގައި ރާއްޖެއިން ފަލަސްތީނާއެކު ތިބިތިބުމާމެދު ދިވެހި ސަރުކާރުގެ ވަފުދު ފަޚުރުވެރިވެއެވެ.
މިހާރު ކުރިޔަށްދާ އައިއެލްއޯގެ 113 ވަނަ ސެޝަން ފެށުނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މި ސެޝަން ނިމޭނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.