ޔަހޫދީ ފައުޖުން ސޫރިޔާގެ ހުޅަނގުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް ދީފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމު ކުރުމަށް ނުރަސްމީ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި އޮތް އަލް-ލާޛިޤިއްޔާ އަދި ޠަރްޠޫސް ސަރަޙައްދަށެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވާ ގޮތުގައި، ލާޛިޤިއްޔާއަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި އެކަކު ޝަހީދުވެ، އިތުރު ތިން މީހުން ޒަޚަމުވެފައިވެއެވެ.
މި ޙަމަލާތައް ދީފައިވަނީ އެމެރިކާއިން ދިމިޝްޤަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ތޮމަސް ބަރާކް ދިމިޝްޤަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވިތާ އެއް ދުވަސް ފަހުންނެވެ. ބަރާކް ދިމިޝްޤަށް ވަޑައިގެންނެވީ ސޫރިޔާގެ މިހާރުގެ ސަރުކާރު ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އާ އެކު ދޭދޭ ގުޅުންތައް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ޔަހޫދީ ފައުޖުން ބުނެފައިވާ ގޮތުގައި މި ޙަމަލާތަކަކީ ހަތިޔާރު ގުދަންތަކަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެކެވެ. އަދި މި ޙަމަލާތަކުގައި ނުރައްކާތެރި މިސައިލްތަކެއް ނައްތައިލާފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެޗްޓީއެސްއާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ބާރު އަޅުއްވާފައެވެ. މޭ މަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގައި ޓްރަމްޕް ވަނީ އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ބައްދަލު ކުރައްވައި، ޒަޔަނިސްޓު އިސްރާއީލާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބާރު އަޅުއްވާފައެވެ.
މި ޙަމަލާތަކާ ގުޅިގެން ސޫރިޔާގެ ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.









