ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުން - ފޮރުވިފައިވާ ނުރައްކާތައް!

ޢަބްދުﷲ ޖުނައިދު | 17 ދުވަސް ކުރިން - 29 މޭ 2025 07:44
ދޭތެރެ ދުރުކުރުމަށް އަމިއްލައަށް ފާމަސީތަކުން ބޭސް ގަނެ، އޭގެ ބޭނުން ކުރުން ބުއްދިވެރިއެއް ނޫން! ފުރަތަމަ ކުރަންވީ ކަމަކީ ޑޮކްޓަރާއި މަޝްވަރާ ކުރުން.
ދޭތެރެ ދުރުކުރުމަށް އަމިއްލައަށް ފާމަސީތަކުން ބޭސް ގަނެ، އޭގެ ބޭނުން ކުރުން ބުއްދިވެރިއެއް ނޫން! ފުރަތަމަ ކުރަންވީ ކަމަކީ ޑޮކްޓަރާއި މަޝްވަރާ ކުރުން.
ޚުލާސާ

ދޭތެރެދުރުކުރުމަށް ބޭސް ބޭނުންކުރުމުގެ ސަބަބުން ކެންސަރު، ހިތްހުއްޓުން، ސްޓްރޯކް، ނަފްސާނީބަލި، ކަށީގެ މައްސަލަ އަދި ބޮލުގައި ރިއްސުމާއި ކުރިމަތިލާން ޖެހިދާނެތީވެ، ގޮތް ނިންމުމުގެ ކުރިން ޑޮކްޓަރާއި މަޝްވަރާކުރޭ.

ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް ދޭތެރެ ދުރުކުރުމާއި ދެކޮޅަށް “ފަތާވާލް އަޒްހަރު” (މިޞްރު)، “ފަތާވާ އަލްލަޖްނާލް ދާޢިމާ” (ސައުދީ)، އަދި އިބްނު ޤުދާމާ ލިޔުއްވާފައިވާ “އަލްމުޣްނީ” ފަދަ ފޮތްތަކުގައި ލިޔުއްވާފައި ވެއެވެ. މި ފޮތްތަކުގައި ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ދަރިން ވިހެއުމަށް ހިތްވަރުދޭ ކަމަށެވެ. އެހެންކަމުން ފަޤީރުވެދާނެތީވެ ދަރިން ހޯދުމާއި ދެކޮޅަށް މަސައްކަތް ކޮށްގެން ނުވާނެއެވެ. “ދަރިންނަކީ ރިޒްޤެކެވެ”.

WHO އިން ބުނާ ގޮތުގައި 2023 ވަނަ އަހަރު ގާތްގަނޑަކަށް 842 މިލިއަން އަންހެނުން ދޭތެރެ ދުރުކުރުމަށްޓަކައި “ހޯރމޯން ބާރތް ކޮންޓްރޯލް”ފަދަ ޒަމާނީ މެތެޑްސް ބޭނުން ކުރަމުން ދިޔައެވެ.

“ހޯރމޯން ބާރތް ކޮންޓްރޯލް”ގައި ޢާންމުކޮށް ހިމެނެނީ އެސްޓްރޮޖެން (estrogen) އާއި ޕްރޮޖެސްޓިން (progestin) ގެ ސިންތެޓިކް ފޯމްތައް ކަމުގައި ވާއިރު، މިއަދު ގިނަ އަންހެނުން ބަލިވެ އިނުން ހުއްޓުވުމަށް ބޭސް ބޭނުން ކުރަނީ، އޭގެ ސަބަބުން ޞިއްޙީ ގޮތުން ކުރިމަތި ވެދާނެ ބޮޑެތި ނުރައްކާތައް އެ މީހުންނަށް ނޭނގިއެވެ.

ދޭތެރެ ދުރުކުރުމަށް ބޭނުންވާ ވަޞީލަތްތައް މިހާރު ފާމަސީތަކުން ވަރަށް ފަސޭހައިން ލިބެއެވެ. ގުޅަ ބޭހުން ފެށިގެން އިންޖެކްޝަނާއި ހަމަޔަށެވެ. ޑޮކްޓަރުން އިންޒާރު ދެނީ މި ބޭސްތައް ބޭނުން ކުރުމަކީ (ޚާއްޞަކޮށް ޑޮކްޓަރުގެ ލަފާ ނެތި) ނުރައްކާތެރި އަދި އެހާމެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ކެންސަރު ޖެހޭ، ސްޓްރޯކް ޖެހޭ، ބޮލުގައި ރިއްސާ، ނަފްސާނީ މައްސަލަ ދިމާވޭ، ކުއްލިއަކަށް މަރުވެސް ވެދާނެ!

“ހޯރމޯން ބާރތް ކޮންޓްރޯލް”ގެ ވައްތަރުތައް މަސައްކަތް ކުރަނީ އަންހެނެއްގެ ހަށިގަނޑުގައި ހުންނަ ހޯރމޯންތަކުގެ ޤުދުރަތީ ބެލެންސް ބަދަލުކޮށްގެންނެވެ. ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައިވާ ގޮތުގައި މިތަކެތި ބޭނުންކުރި ނަމަވެސް މި ބޭސްތައް ދިގު މުއްދަތަކަށް ބޭނުން ކުރުމުން ފުރާނައަށް ނުރައްކާވާ ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެކަން ހުރިހާ އަންހެނުންނަކަށް ނޭނގެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ޢާންމު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެފަދަ ބޭސްތައް ބޭނުންކުރާ އަންހެނުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ހޮޅީގެ ތެރޭގައި ލޭ ގަނޑުވުމެވެ. ނަތީޖާއަކީ ފުއްޕާމޭ ނުވަތަ ސިކުނޑިއަށް އެ ގަނޑު ލޭކޮޅު ދަތުރުކޮށް މީހާ އަށް ސްޓްރޯކް ޖެހުމެވެ. ހާޓް އެޓޭކް އާއި ކުރިމަތިލާން ޖެހުމެވެ. ނުވަތަ ކުއްލި އަކަށް މަރު ވުމެވެ.

ޕްރޮފެޝަނަލް ބޭފުޅެއްގެ ލަފާ ނެތި ދޭތެރެދުރުކުރުމަށް ބޭސް ބޭނުންކުރުމަކީ ފަހުން ހިތާމައާއި ކުރިމަތިލާން ޖެހިދާނެ ކަމެއް.

އަނެއް ނުރައްކަލަކީ ނަފްސާނީ ގޮތުން ދިމާވާ ޞިއްޙީ މައްސަލަތަކެވެ. ޔޫރަޕްގައި 2016 ވަނަ އަހަރުގައި ޝާއިޢުކޮށްފައިވާ ބޮޑު ދިރާސާއަކުން ދައްކާ ގޮތުގައި "ހޯރމޯން ބާރތް ކޮންޓްރޯލް" ބޭނުންކުރާ އަންހެނުންގެ 40 އިންސައްތަ މީހުންނަށް ޑިޕްރެޝަން އާއި ކުރިމަތިލާން ޖެހެއެވެ. އޭގެތެރެއިން އެތައް ބަޔަކު އަމިއްލައަށް މަރުވެފައި ވެސް އެބަހުއްޓެވެ.

ދޭތެރެ ދުރުކުރުމަށް ބައެއް މީހުން ބޭނުންކުރާ ޑެޕޯ-ޕްރޮވެރާ (Depo-Provera) ފަދަ ބައެއް އިންޖެކްޝަން ތަކަކީ ވެސް ވަރަށް ނުރައްކާތެރި ސައިޑް އިފެކްޓްސް ތައް ދިމާވާ އެއްޗެކެވެ. އެއިން ކަށިތަކުގެ ބާރު ދެރަކޮށްލައެވެ.

ޕްރޮފެޝަނަލް ބޭފުޅެއްގެ ލަފާ ނެތި ދޭތެރެދުރުކުރުމަށް ބޭސް ބޭނުންކުރުމަކީ ފަހުން ހިތާމައާއި ކުރިމަތިލާން ޖެހިދާނެ ކަމެއް.

ދޭތެރެ ދުރުކުރުމަށް ބޭސް ބޭނުން ކުރުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ބަރުދަން އިތުރުވުމާއި، މޭނުބައިކުރުމާއި، އުރަމަތީގައި ރިއްސުން އަދި ކައިވެނީގެ ލައްޒަތަށް ޝައުގުވެރިކަން ކުޑަވުން ވެސް ހިމެނެއެވެ.

ޤުދުރަތީ ނިޒާމް ބަދަލުކޮށްލުމަށްޓަކައި ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. ކުރުކޮށް ބުނާނަމަ ދަރިން ހޯދުން ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމަކަށް ވިޔަސް. ބައެއް މީހުންނަށް އެއީ ފައިދާހުރި ކަމެއް ކަމުގައި ހީވިޔަސް، މިއީ ޞިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމެކެވެ.

ދޭތެރެ ދުރުކުރާ އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކާއި ވާހަކަ ދައްކާށެވެ.

ދޭތެރެ ދުރުކުރުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރި ހުޅަނގުގެ ޤައުމުތަކުން ވެސް މިއަދު އުޅެނީ ޒުވާނުން ނުވަތަ ސައްކަތް ކުރާ ޢުމުރުގެ މީހުން މަދުވެގެން އެކަމާއި ކަންބޮޑުވެގެންނެވެ. ޗައިނާގައި މިހާރު ގިނަ ދަރިން (ތިނެއް ނުވަތަ އެއަށްވުރެ ގިނައިން) ހޯދާނަމަ ސަރުކާރުން އިނާމުތައް ވެސް ދެއެވެ. 18000 ޑޮލަރާއި ހަމަޔަށް ފައިސާ ވެސް ދެއެވެ.

އެކަމަކު އަޅުގަނޑުމެން މިއުޅެނީ އަތްމަތި ދަތިވެދާނެތީވެ ދަރިން ހޯދުން ލިމިޓް ކުރާށެވެ.

ދަރިން ހޯދުން ލިމިޓް ކުރުމަށް ނުވަތަ ދޭތެރެ ދުރުކުރުމަށް ބޭސް ބޭނުން ކުރުމަކީ ޞިއްޙީ ގޮތުން ނުރައްކާތެރި ކަންކަމަށް ތިމާ ހުށަހެޅިދާނެ ކަމެއްކަން ހަނދާން ނައްތައި ނުލާށެވެ! ކަމުގެ ފުންނާބު އުސް ބޭފުޅަކާއި (ޑޮކްޓަރަކާއި) މަޝްވަރާ ނުކޮށް ނަމަނަމަ ދޭތެރެދުރުކުރުމަށޭ ކިޔައި ބޭހެއް ނުކާށެވެ! ޤުދުރަތުގެ ނިޒާމް ބަދަލުކޮށްލަން މަސައްކަތް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ ވިސްނާލައްވައި އެކަމުގެ ޞައްޚަ މަޢުލޫމާތު ވެސް ހޯއްދެވުން ބުއްދިވެރިއެވެ.

ދޭތެރެ ދުރުކުރުމަށް ބޭސް ކެއުމުގެ ސަބަބުން ހޮޅިތަކުގައި ލޭ ގަނޑުވެ ސްޓްރޯކް ޖެހުމާއި، ކެންސަރު ބަލި ޖެހުމާއި، ބޮލުގައި ރިއްސައި މޭނުބައިކޮށް އަދި ކަށިތަކުގައި ރިއްސުމާއި ބަރުދަނަށް ބަދަލު އަސުމުގެ އިތުރުން ކުއްލިޔަކަށް މަރުވާކަން ދިރާސާތަކުން ދައްކައެވެ.

މަޞްދަރުތައް: ފަތާވާލް އަޒްހަރު، ފަތާވާ އަލްލަޖްނާލް ދާޢިމާ، އަލްމުޣްނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (2023)، އެމެރިކާގެ އެފްޑީއޭ، ޖާމާ ސައިކޭޓްރީ 2016.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%