ޖަރުމަނުގައި ހުކުރުދުވަހު ހިނގި ވަޅީގެ ޙަމަލާގައި އަނިޔާ ލިބުނު މީހަކު ސްޓްރެޗަރުގައި ގެންދަނީ. މި ހަމަލާ ދިނީ ޖަރުމަނު އަންހެނެއް.
17 މީހުންނަށް ވަޅިން ޙަމަލާދިން ޖަރުމަނު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ޖަރުމަނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ހެމްބާގްގައި އިއްޔެ ހަވީރު ވަޅިން ޙަމަލާދީ 17 މީހުން ޒަޚަމް ކޮށްލީ 39 އަހަރުގެ ޖަރުމަނު އަންހެނެކެވެ. އޭނާ ޙަމަލާ ދިނުމުގެ ސަބަބުން 4 މީހުންގެ ހާލު ސީރިއަސް ކަމަށާއި އިތުރު 6 މީހަކު ވަރަށް ބޮޑަށް ޒަޚަމްވިއެވެ. އަދި އަނެއް 7 މީހުން ޒަޚަމްވީ ކުޑަކޮށް ކަމަށް ވެސް ފުލުހުންނާއި ޙަވާލާދީ ޖަރުމަނު ނޫސްތަކުން ރިޕޯޓް ކުރެއެވެ.
ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މާޒް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހެމްބާގްގެ މޭޔަރ ޕީޓަރ ޓްޝެންޓްޝަރއަށް ފޯނުން ގުޅުއްވައި ޒަޚަމްވި މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ހާދިސާ ހިނގީ ހެމްބާގް ރޭލްވޭ ސްޓޭޝަނުގައި ކަމަށް ވުމުން، ބައެއް ސަރަޙައްދުތަކުގެ ރޭލު ދަތުރުތަކަށް ވަނީ ހުރަސް އެޅިފައެވެ.