މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނައިދިނުމާއި ގުޅޭގޮތުން ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒާއި އެކު ފަހުމްނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރްޢާނާއި ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާއި އެއްގޮތަށް، އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހައި ކަންތައްތައް މަގުފަހިކޮށްދިނުމެވެ.
މި ފަހުމްނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްޢާނާއި ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްޢާން އަދި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ބަންދު މަރުކަޒުގައި ތިބި ކުޑަކުދިންގެ ތަޢުލީމީ ފެންވަރަށް ރިޢާއަތްކޮށް ކްލާސްތައް ނަގައިދޭނެ މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިޙާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ހިންގުން ހިމެނެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ އިސްލާމިކް މިނިސްޓްރީން އަބަދުވެސް ދެމުން ގެންދާ އެހީތެރިކަމާއި، ޚާއްސަކޮށް ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދޭ އެހީތެރިކަން ފާހަގަކުރައްވާފާއެވެ.
އެގޮތުން ކީރިތި ޤުރްޢާން އާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ދީނީ ކަންކަމާއި ގުޅޭގޮތުން މިހާރު ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރުވެސް ރަނގަޅަށް ކީރިތި ޤުރްޢާން ކިޔަވަން ނޭނގޭ ކަމަށެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްޢާން އުގަންނައިދެވޭނެ ފުރުސަތު ލިބިގެންދާ ކަމަށާއި އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މި ފަހުމްނާމާއަކީ، ކީރިތި ޤުރްޢާނާއި ބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު ކަމެއްކަމަށާއި އެންމެހާ ބޭފުޅުންނަށް ކީރިތި ޤުރްޢާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް އިންޝާ ﷲ މުސްތަޤްބަލުގައި ޖަލުތަކުގައި ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.