ދުންފަތުގެ ޓެކްސްއިން ދައުލަތަށް އާމްދަނީ ހޯދުމަކީ ސަރުކާރުގެ މަޤްޞަދެއް ނޫން ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤުކުރެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯދުމެވެ. އަދި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިޞްލާޙުގެ ދަށުން، 2007 ގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ގަނެވިއްކުން މަނާވެގެންދާނެއެވެ. މީގެ އިތުރުން، ދުންފަތާއި އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މެޝިނަރީއާއި އާލާތްތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުންވެސް މަނާކުރެވޭނެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ޤާނޫނު ތަންފީޒުކުރުމުގެ އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުމެއް ނޫނެވެ. އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗެއްޗާއި އެނޫންވެސް ނޭދެވޭ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 2025 ގެ ނޮވެންބަރު 1 އިން ފެށިގެންނެވެ. އަދި މި ޤާނޫނު ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.