ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޮޑްކޮމް)ގެ 18 މުވައްޒަފުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަން މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ޕެޓިޝަންގައި ބަޔާންކޮށްފައިވާ ގޮތުގައި، ބްރޮޑްކޮމްގެ ރައީސް ސޮފާ ޝަފީގު އަދި ބައެއް މެންބަރުން، އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ ކަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން، އިދާރީ އޮނިގަނޑަށް އިޙްތިރާމް ނުކުރާ ކަމަށާއި، ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސްއަޅަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުމަށް މަޖުބޫރުކުރުވާ ކަމަށް ވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ. އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރިޕޯޓުކުރި މުވައްޒަފަކު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް، މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
ބްރޮޑްކޮމްގެ ރައީސް އަދި ބައެއް މެންބަރުން، ވަކި މުވައްޒަފުންނަށް ކުޑައިމީސްކޮށް، މަލާމާތްކޮށް، ވަޒީފާއިން ވަކިކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ ހިންގާ ގަވާއިދާ ޚިލާފަށް މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ޕެޓިޝަންގައި މުވައްޒަފުން އެދިފައިވަނީ މަޖިލީހުން މި މައްސަލަތައް ރަނގަޅަށް ބަލައި، އެކަމަށް ޙައްލެއް ހޯދައިދިނުމަށެވެ. މި މައްސަލައާ ގުޅޭގޮތުން ބްރޮޑްކޮމްގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.



