މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް އޮފިސަރުން ހޯދަން ބާއްވާ ވޯކް-އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ އޮފިސަރުންގެ ވަޒީފާއަށް 50 މީހުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ވަޒީފާތަކަށް މީހުން ނެގުމަށް ވޯކް-އިން އިންޓަވިއު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން 5 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއު ކުރިއަށްދާނީ ގަލޮޅު މަދަރުސާގައި ކަމަށެވެ.
އިމިގްރޭޝަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ބަލާނެ ޝަރުތުތަކަކީ:
- ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެމާއްދާއިން މަދުވެގެން "ޑީ" ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
- އިޢުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން.
އިންޓަވިއުއަށް ގެންދަން ޖެހޭ ލިޔެކިޔުންތަކަކީ:
- ޖޮބް އެޕްލިކޭޝަން ފޯމް
- ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އާއި ކޮޕީ
- ސީވީ
- އައިޑީ ކާޑުގެ ކޮޕީ
އިމިގްރޭޝަނުން ބުނީ މިއީ އެ އިދާރާއިން ބާއްވާ ފުރަތަމަ ވޯކް-އިން އިންޓަވިއު ކަމަށެވެ.