އަރޫނާޗަލް ޕްރަދޭޝްގެ ޔޫޕިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި 3-0 އިން ރާއްޖެ ބަލިކޮށް، އިންޑިއާއިން ސާފް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ފައިނަލަށް ދަތުރުކޮށްފިއެވެ. މެޗް ފެށުނީއްސުރެ އެޓޭކިންގގައި މޮޅުކޮށް ކުޅެމުން ދިޔައީ ވެސް އިންޑިއާއިންނެވެ.
ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި އިންޑިއާއަށް ކާމިޔާބުކޮށްދިނީ ޑެނީ މެއިޓެއީ އެވެ. އޭގެ ހަތް މިނެޓް ފަހުން އޯ ޑޮޑަމް ވަނީ އިންޑިއާގެ ލީޑު ފުޅަކޮށްފައެވެ. ރާއްޖެއަށް ކައުންޓަރ އެޓޭކްގައި ވެސް ގޯލެއް ޖަހާނެ ފުރުސަތެއް ނުލިބުނެވެ.
ދެވަނަ ހާފުގައި ވެސް އިންޑިއާއިން މެޗު ޑޮމިނޭޓް ކުރަމުން ދިޔައިރު، 3 ވަނަ ގޯލް ޖެހީ ޕްރަޝަން ޖާޖޯ އެވެ.
ފައިނަލް މެޗުގައި އިންޑިއާ ބައްދަލުކުރާނީ އާދިއްތަ ދުވަހު ބަންގްލަދޭޝްއާ އެެވެ.