ވިސާ ނެތި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދިޔަ ފްރާންސްގެ ޢާއިލާ ރާއްޖެއިން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
މި މައްސަލައަކީ ތ. ވޭމަންޑޫގައި އުޅޭ 6 މެންބަރުންގެ ޢާއިލާއަކާއި ގުޅޭ މައްސަލައެކެވެ. އިމިގްރޭޝަންގެ ގާނޫނާއި ޚިލާފަށް މި ޢާއިލާ ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް ލިބުނީ މިދިޔަ އަހަރު ޖުލައި 18ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވަނީ އެ ޢާއިލާއިން އެދުނީ ރަށްވެހިކަން ދިނުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަމެއް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ނުދެވޭނެތީ އެ ޢާއިލާއިން އެދުނީ ރަށްވެހިކަން ނުދެވޭނަމަ ފުރުވާލުމަށެވެ.
އެ ޢާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ އެ ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން އިމިގްރޭޝަނުން އައީ ކުރަމުންނެވެ. އެ ޢާއިލާ ރާއްޖޭގައި ދިރިއުޅެމުން އައި އިރު، އެއިން އެއްވެސް މީހެއްގެ އަތުގައި ޞައްޙަ ޕާސްޕޯޓެއް ނެތެވެ. ފްރާންސްގެ ރަށްވެހިން ކަމަށް ބުނާ އެ ދެމަފިރިން ރާއްޖޭގެ އެކި ރަށްތަކުގައި މިވީ 12 އަހަރު ދިރެއުޅެ ރާއްޖޭގައި ދަރިންވެސް ވިހާފައިވާއިރު އެއިން އެއްވެސް ކުއްޖެއްގެ އަތުގައި ޞައްޙަ ލިޔެކިޔުމެއް ވެސް ނެތެވެ.
އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފިނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. ވަކި މުއްދަތެއް ވެއްޖެނަމަ ލީގަލް އިން މައްސަލަ ބެލުމަށް ފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލައެވެ.
އެ ޢާއިލާ ފުރުވާލާފައިވާކަމަށް އިމިގްރޭޝަނުން މިއަދު ބުނި ނަމަވެސް، ފުރުވާލާފައިވަނީ ކޮން ޤައުމަކަށް ކަމެއް ނުބުނެއެވެ.