ރިއަލް މެޑްރިޑްގެ ލެޖެންޑް ޒަބީ އަލޮންސޯ އަނބުރާ ރިއަލް އާއި ގުޅިއްޖެއެވެ. އެގޮތުން، އެ ޓީމުގެ ހެޑް ކޯޗަކަށް ވުމުގެ އެއްބަސްވުމުގައި ޒާބީ އަލޮންސޯ އިއްޔެ ވަނީ ރަސްމީކޮށް ސޮއި ވެސް ކޮށްފިއެވެ. މި އެއްބަސްވުން ތިން އަހަރަށް ދެމިގެންދާއިރު، ޖޫން 2028 އާ ހަމައަށް އޭނާ ހުންނާނީ ރިއަލްގެ ހެޑް ކޯޗަކަށެވެ. އެހެންކަމުން މިފަހަރު ކްލަބް ވޯލްޑް ކަޕަށް ޓީމު ދާނީ އޭނާ އާއި އެކުގައެވެ.
އަލޮންސޯ އައީ، ރިއަލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވާން ހަމަޖެހިފައިވާތީއެވެ. އަލޮންސޯ މެނޭޖަރުގެ މަގާމާއި ހަވާލުވާން ސޮއިކޮށްފައިވާއިރު، މުއްދަތު ފަށާނީ 1 ޖޫން އިން ފެށިގެންނެވެ.
ރިއަލް މެޑްރިޑްގެ ކޯޗުކަމުގައި އަލޮންސޯ ކުޅޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައި، މިއާމީގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތެރެއިންނެވެ.
43 އަހަރުގެ ސްޕެނިޝް ކޯޗު މި މަޤާމާއި ޙަވާލުވީ ބަޔާ ލެވަކޫސަންގެ ކޯޗެއްގެ ގޮތުގައި ލެވަކޫސަން އަށް މިދިޔަ އަހަރު ދެތަށި ހޯދައިދީފައެވެ.
މި ސީޒަން ނިމެންދެން އަންޗެލޮޓީ ރިއަލް މެޑްރިޑަށް އިރުޝާދު ދޭނެއެވެ. އޭނާގެ އެންމެ ފަހު މެޗަކީ މެއި 25 ވަނަ ދުވަހު ލަ ލީގާގައި ރިއަލް ސޮސިއެދާދާ ދެކޮޅަށް ކުޅޭ މެޗެވެ.
މި ސީޒަނުގައި ރިއަލް މެޑްރިޑް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ކަޓާފައެވެ. އަދި ކޮޕާ ޑެލް ރޭގެ ފައިނަލުގައި ވާދަވެރި ބާސެލޯނާ އަތުން ބަލިވެފައިވާއިރު، ލަ ލީގާ ކާމިޔާބުކުރުމުގެ އުންމީދުތައްވެސް މިހާރު ވަނީ ކުޑަވެފައެވެ.