ޢަޒުމް ކަނޑައަޅަންވީ ކުޑަކުދިން ނޭދެވޭ ކަންކަމުން ދުރުހެލިކުރުމަށް

އުސްތާޛް މުޙައްމަދު ޢަލީ | 164 ދުވަސް ކުރިން - 10 މޭ 2025 10:52
މިއަދަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް.
މިއަދަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް.
ޚުލާސާ

ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށާއި ހިތްތަކުގެ ހަމަޖެހުންކަމަށާއި، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަޤީން ކަމަކީ ޅަދަރީން ހެޔޮ ގޮތުގައި ބޮޑުކުރުންކަމަށް ރައީސް ވިދާޅުވި.

އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް ފޮނުއްވަވާފައެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށާއި ހިތްތަކުގެ ހަމަޖެހުން ކަމަށެވެ. ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި، އެކުދިން ތައްޔާރުވަމުން އެދަނީ މުސްތަޤްބަލުގައި މި ޤައުމުގެ ކަންކަމާ ހަވާލުވާންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު ކުޑަކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%