ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބޭއްވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "ހިޔާ ޕާކު" ސަރަހައްދުގައެވެ. މި ހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބޭނެކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ހަވީރުގެ ހަރަކާތްތަކުގެ އިތުރުން، އެ ދުވަހުގެ ރޭގަނޑު 8:00 ގައި ސިނަމާއެއްގެ ތަޖުރިބާ ކުރެވޭ ގޮތަށް ކުޑަކުދިންނަށް ޚާއްސަކޮށް ފިލްމު ބެލުމުގެ ހަރަކާތެއްވެސް ހިޔާ ޕާކުގައި އޮންނާނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. އަދި ފިލްމު ބެލުމުގެ ހަރަކާތް ބާއްވަނީ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެންކަން ފާހަގަކޮށްފައިވެއެވެ.