ޤާނޫނީ އިމުގެތެރެއިން، ވާނުވާ ބަންދުގައި ތިބި ގިނަބަޔަކު ދޫކޮށްލުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންމެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވިދާޅުވެއްޖއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ކަފާލާތުގެ ދަށުން ވެސް ވާނުވާ ބަންދުގަ ތިބި މީހުން ދޫކުރެވޭނެ ކަމަށާއި މަރުގެ މައްސަލަ ފަދަ އެންމެ ބޮޑެތި މައްސަލަތަކުގައި ތިބޭ މީހުންނަށް ކަފާލާތު ނުދެއްވާނެ ކަމަށެވެ.
އިލެކްޓްރޯނިކް ޓެގް އަޅުވައިގެން ޖަލުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެން ނުވަތަ ތިންބައިކުޅަ އެއްބައި ދޫކުރެވޭތޯ ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕޮލިހާއި އަދި އެޓާނީ ޖެނެރަލާއެކު މަޝްވަރާކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމީހުން ދޫކޮށްލަނީ މައްސަލަ ބަލައި ނިމެންދެކަށެވެ.
މީގެ އިތުރުން ކުދިކުދި އާދައިގެ މައްސަލަތައް ބަލައި ގިނަ ބަޔަކަށް ލުއި ދިނުމުގެ ގޮތުން އެންމެ އާދައިގެ މައްސަލަތައް ފައިލް ކުރެވޭނެ ގޮތެއް އޮތްތޯ ވެސް ޕީޖީ އާއި މަޝްވަރާ ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ ގިނަ ބަޔަކަށް ލުއި ދިނުމުގައި ޢަމަލުކުރާނީ ޓެގުގެ އުޞޫލެވެ.
މިދިޔަ އަހަރު ރައީސް ތަސްދީގުކުރެއްވި ކަފާލާތުގެ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ޖަލުން މީހުން ދޫކުރުމުގެ ފުރުސަތު ރައީސް އަށް ލިބިގެންދާނެއެވެ.
ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ޖަލުތަކުގެ އޮތް ތޮއްޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދައި، އިންސާނީ ޙައްޤުތަކަށް އިސްކަންދެއްވާ ސިޔާސަތެއްގެ ދަށުން އަޅުއްވާ އަދި ގިނަބަޔަކު އެކަމަށް އެދިއެދި ތިބި ކަމެކެވެ.
މިމަސައްކަތް ފަށާނެ ތާރީޚެއް ރައީސް ވިދާޅެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރައީސް ފޯކަސް ކުރައްވަނީ ވާނުވާ ބަންދުގެ މީހުންނާއި، އަދި ޕެރޯލް ނިޒާމްގެ ތެރެއިން ގައިދީންނަށް ރަނގަޅު ހައްލަކަށެވެ.