ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް, އެމިރޭޓްސް އެއާލައިންގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރު ތޯރިގް, ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގައި ވަރަށް މުހިންމު އެއާލައިނެއް ކަމަށްވާ އެމިރޭޓްސް އެއާލައިންސްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް އަހްމަދު ބިން ސައީދު އަލް މަކްތޫމްއާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުން ބޭއްވީ ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ފެއާގެ ހަވާސާގަ އެވެ.
މިނިސްޓަރު ތޯރިގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖެ އާއި އެމިރޭޓްސް އެއާލައިންސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އެމިރޭޓްސް އެއާލައިންސްއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ އެއާލައިނަކަށް ވާތީ, އެ ބައްދަލުވުމަކީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިފަދަ ބައްދަލުވުންތަކުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ގައުމުގެ އިގުތިސާދަށް ފައިދާވާނެ ކަމަށް އުއްމީދުކުރެވެ އެވެ," މިނިސްޓްރީން ބުންޏެވެ.
އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުުމަށް އެމިރޭޓްސްއާ އެކުގައި ވެސް އެމްއޯޔޫއެއްގައި މިފަހަރު ސޮއިކޮށްފަ އެވެ. ހަމަ އެފަދަ އެއްބަސްވުމެއް ގަތަރު އެއާވޭސްއާ އެކުގައި ވެސް މި ފެއާގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ރާއްޖެއިން ޓޫރިސްޓުން ވަރަށް ގިނައިން ދަތުރުކުރާ ދެ އެއާލައިނެވެ.