ރުޑިގާ ހަ މެޗަށް ސަސްޕެންޑްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 20 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 09:54
އެންޓޯނިއޯ ރުޑިގާ: ރެފްރީ އާއި ދިމާލަށް އައިސް ކިއުބެއް އެއްލައިލި މައްސަލައިގައި ރުޑިގާ ވަނީ މަޢާފަށް އެދިފައި.
އެންޓޯނިއޯ ރުޑިގާ: ރެފްރީ އާއި ދިމާލަށް އައިސް ކިއުބެއް އެއްލައިލި މައްސަލައިގައި ރުޑިގާ ވަނީ މަޢާފަށް އެދިފައި.
ޚުލާސާ

ރުޑިގާ ސަސްޕެންޑް ކުރީ ހޮނިހިރު ދުވަހުގެ ރޭ އޮތް ކޮޕާ ޑެލްރޭގެ ފައިނަލުގައި ބެންޗުގައި އިނދެގެން ރެފްރީއާއި ދިމާލަށް އައިސް ކިއުބެއް އެއްލައިލި މައްސަލައިގައި.

ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެންޓޮނިއޯ ރުޑިގާ، މެޗުގެ ރެފްރީއާ ދިމާލަށް އެއްޗެއް އުކި މައްސަލައިގައި ހަ މެޗަށް ސަސްޕެންޑްކޮށްފިއެވެ. މި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް ކޮޕާ ޑެލްރޭގެ ފައިނަލުގައެވެ.

މި މެޗުގައި ރެއާލް މެޑްރިޑް ބަލިވީ ބާސެލޯނާ އަތުން 3-2 ގެ ނަތީޖާއަކުންނެވެ. ޖަރުމަނަށް އުފަން ޑިފެންޑަރު ރުޑިގާ ވަނީ ބެންޗުގައި ހުރެ ރެފްރީއާ ދިމާލަށް އައިސް ކިއުބެއް އެއްލާލާފައެވެ. އެއީ 111 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދަނށުން ފާބައި ބެންޗުގައި ހުރެގެންނެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން މި މައްސަލަ ބެލުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރެފްރީއާ ދެކޮޅަށް ރުޑިގާ ހިންގި ޢަމަލުގެ ސަބަބުން އޭނާ ހަ މެޗަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ފެޑަރޭޝަނުގެ ގަވާއިދުގައިވާ ގޮތުން، ރެފްރީއާ ދެކޮޅަށް ހިންގާ ހަމަނުޖެހުމެއްގެ ސަބަބުން އެ ފަރާތެއް ހަތަރު މެޗާއި ބާރަ މެޗާ ދެމެދުގެ އަދަދަކަށް ސަސްޕެންޑްކުރެވިދާނެއެވެ.

މި ސަސްޕެންޝަނާ ގުޅިގެން، މި ސީޒަނުގައި ރެއާލް މެޑްރިޑް ލަ ލީގާގައި ކުޅެން ޖެހޭ ފަސް މެޗުގެ އިތުރުން އަންނަ އަހަރުގެ ސީޒަނުގެ ފުރަތަމަ މެޗުގައި ރުޑިގާއަށް ނުކުޅެވޭނެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މި މެޗުގައި ރުޑިގާއަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަނުގައި އިތުރަށް ދެން ނުކުޅެވޭނެ ކަމަށް ލަފާކުރެވެއެވެ. ރެއާލް މެޑްރިޑުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައިނުވި ނަމަވެސް، މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ އޭނާއަށް ހަ ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހޭނެ ކަމަށެވެ.

މި މެޗުގައި އިތުރު ޕްލެޔަރުންނަށްވެސް އަދަބު ދީފައިވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި ފަހުން ބެންޗުގައި ހުރި ލޫކަސް ވަސްކޭޒްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ނަމަވެސް މެޗަށްފަހު ޖޫޑް ބެލިންހަމްއަށް ރެފްރީ ދެއްކި ރަތް ކާޑު ފެޑަރޭޝަނުން ވަނީ ބާޠިލުކޮށްފައެވެ.

ރުޑިގާ ވަނީ ރެފްރީއާ ދިމާލަށް އެއްޗެއް އެއްލާލުމާ ގުޅިގެން މަޢާފަށް އެދިފައެވެ. މި ސަބަބަށްޓަކައި އަދަބު ދިނުމުގައި ލުޔެއް ދީފައިވާ ކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%