ވޯލްޑް ބޭންކުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދެމުންދާ އިތުބާރު އިތުރަށް ބޮޑު ވެއްޖެއެވެ އެ ބޭންކުން އެންމެ ފަހުން ނެރުނު "މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް 2025" ރިޕޯޓުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި މެދު އުންމީދީ ނަޒަރަކުން ބަލާފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއި ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޝޯޓް-ޓާމްގައި ނޫނަސް އިޤްތިޞާދީ ކުރިއެރުން އެވްރެޖްކޮށް 5.2 އިންސައްތައަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ. މިއީ ދުނިޔޭގެ އިޤްތިޞާދީ ހީނަރުކަން އިތިރުވަމުންދާއިރު ވެސް ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ ކަމުގެ ހެއްކެކެވެ. ހާއްސަކޮށް އެމެރިކާގެ ޓެރިފަށް ގެނައި ބަދަލުގެ ސަބަބުން މުޅި ޔޫރަޕަށް އެކަމުގެ އަސަރު ކޮށްފައިވާ އިރުގައި ވެސް މެއެވެ.
ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ވަނީ އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ރިޒާވު ވަރުގަދަކުރުމަށް ޓޫރިޒަމް ސެކްޓަރުން ބޭންކިންގ ނިޒާމަށް ޑޮލަރު މާރުކުރަން ފެށުން ހިމެނެއެވެ. މީގެ ސަބަބުން ދަރަނި އަދާކުރުމާއި އަސާސީ މުދާ އިމްޕޯޓްކުރުމުގެ ޤާބިލުކަން ވަނީ އިތުރުވެފައެވެ.
ރާއްޖޭގެ އާމްދަނީ އިތުރުވެ، ބަޖެޓް ޑެފިސިޓް ދަށްވަމުންދާކަން ފިނޭންސް މިނިސްޓްރީން ޢާންމުކުރާ ހަފުތާގެ މާލީ ހިސާބުތަކުން ދައްކައެވެ. މި ކުރިއެރުންތަކަކީ ވޯލްޑް ބޭންކުން ރާއްޖޭގެ އިޤްތިޞާދަށް ދޭ އިތުބާރު އިތުރުވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.
ނަމަވެސް، ވޯލްޑް ބޭންކުން ވަނީ ދުނިޔޭގެ އިޤްތިޞާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ވެސް ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ ސަބަބުން ލިބޭނެ ކަމަށް ބެލެވޭ ކުރިއެރުމަކީ މި ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.