ރިއަލް މެޑްރިޑްގެ ޑެނީ ކަވަހާލް އަށް ޔޫއެފާއިން ސަސްޕެންޝަނެއް އައިސްދާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ކުޅިވަރު ރިޕޯޓުތައް ބުނެފިއެވެ.
މިއީ ޗެމްޕިއަންސް ލީގުގައި އިއްޔެރޭ އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގެ ހާފްޓައިމްގައި ބުކާޔޯ ސަކާއާއި ކުރިމަތިލައި ހަމަނުޖެހުން އުފައްދާފައިވާތީ އެކަމުގެ ސަބަބުންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ހާފްޓައިމްގައި ރިއަލް މެޑްރިޑްގެ ޑެނީ ކަވަހާލް ރުޅިއައިސްގެން އާސެނަލްގެ ސަކާއާއި ކުރިމަތިލަނީ.
ވީޑއޯ ފުޓޭޖުން ފެންނަނީ މެޗުގެ ހާފްޓައިމްގައި ކަވާހަލް ޓެކްނިކަލް އޭރިއާގައި ސަކާގެ ކަރުގައި ފުރަގަހުން ހިފައި ރުޅިއައިސް އިންޒާރުދޭ މަންޒަރެވެ. އެކަން ހުއްޓުވީ ދެޓީމުގެ އޮފިޝަލުންނެވެ.
ބުދަ ދުވަހުގެ ރޭ އާސެނަލްއިން ވަނީ މި މެޗު 2-1 އިން ކާމިޔާބުކޮށް ރިއަލް މެޑްރިޑް ޗެމްޕިއަންސް ލީގުން ކަޓުވާލާފައެވެ. އެގްރިގޭޓްގައި 5-1 އިން ކުރިހޯދައި، ސެމީ ފައިނަލްގައި އާސެނަލް ކުރިމަތީލާނީ ޕީއެސްޖީއާއެވެ.
ކާވަހަލް މިވަގުތު ހުރީ އޭސީއެލް އިންޖަރީއެއްގައެވެ. އޭނާ ވަނީ މެޗު ބަލަން ސްޓޭޑިއަމަށް ގޮސް، ހާފްޓައިމްގައި ޓެކްނިކަލް އޭރިއާއަށް ގޮސް ސަކާއާއި ދިމާކޮށްފައެވެ. މިއީ ޔޫއެފާގެ ގަވާއިދުތަކާ ހިލާފު ކަމެކެވެ. އެހެންކަމުން އޭނާއަށް ސަސްޕެންޝަނެއް އައިސްދާނެ ކަމަށް ބެލެވެއެވެ.